English Edition
Dhivehi Edition
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ދުނިޔޭގެ އިންސާނިއްޔަތު ކަމުގެ ދުވަހާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވި މެސެޖެއްގައި، އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް ހަމަލާ ދިނުމަކީ ނުރައްކާތެރި ބޮޑު ޖަރީމާއެއް ކަމަށް ވިދާޅުވެއްޖެއެވެ. އަދި އެފަދަ ފަރާތްތައް ހިމާޔަތްކުރުމުގައި ދުނިޔެ ނުކުޅެދިފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސްގެ މެސެޖުގައި އެންމެ ބޮޑަށް އަލިއަޅުވާލެއްވީ ގައްޒާގައި ހިނގަމުންދާ ކަންކަމަށެވެ. އެގޮތުން ގައްޒާއަށް އެހީ ވެއްދުމަށް ހުރަސްއެޅުމާއި، އެހީ ފޯރުކޮށްދޭ މީހުންނަށް އަމާޒުކޮށް ހަމަލާ ދިނުމަކީ އިންޓަނޭޝަނަލް ގާނޫނުތަކާ ކަނޑައެޅިގެން ހިލާފު އަމަލުތަކެއް ކަމަށް ވިދާޅުވިއެވެ.

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި، ރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނުގެ ރައްޔިތުންނާއެކު ސާބިތުވެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. އަދި އެ ގައުމުގައި ހިނގަމުންދާ ހަނގުރާމަ ދާއިމީ ގޮތެއްގައި ހުއްޓާލުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

ރައީސް ވިދާޅުވީ ކުދި ގައުމުތަކުގެ ރައްކާތެރިކަން ބިނާވެފައިވަނީ އެންމެންގެ މައްޗަށް ތަންފީޒުކުރެވޭ އިންޓަނޭޝަނަލް ގާނޫނުތަކާއި ހަމަތަކެއްގެ މައްޗަށް އެކުލެވިފައިވާ ނިޒާމެއްގެ މައްޗަށް ކަމަށެވެ. މިއީ މުޅި ދުނިޔޭގެ ސުލްހަޔަށްޓަކައި ނުހަނު މުހިންމު ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ކޮންމެ އަހަރެއްގެ އޮގަސްޓު މަހުގެ ނަވާރަ ވަނަ ދުވަސް، އިންސާނިއްޔަތުކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ނުރައްކާތެރި ހާލަތްތަކުގައި އެހެން މީހުންގެ ފުރާނަ ސަލާމަތްކުރުމަށް މަސައްކަތްކުރާ މީހުންގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ. ރައީސް ވަނީ މިފަދަ މަސައްކަތްތަކުގައި އުޅެނިކޮށް ފުރާނަ ގެއްލިފައިވާ މީހުންނާއި ޒަހަމްވެފައިވާ މީހުންގެ ހަނދާންތައް އާކުރައްވާފައެވެ.

އިންޓަނޭޝަނަލް ގާނޫނުތަކަށް ބޯލެނބުމަށާއި، އާންމު ރައްޔިތުންނާއި އެހީދޭ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. އަދި އިންސާނިއްޔަތުކަމާއި އަދުލުވެރިކަން ނެގެހެއްޓުމަށް ހުރިހާ ގައުމަކަށް އެމަނިކުފާނު ގޮވާލެއްވިއެވެ.