English Edition
Dhivehi Edition
ފޮޓޯ: ރައްޔިތުންގެ މަޖިލީސް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ރޭޓަށް ވުރެ ބޮޑު އަގުގައި ކަޅުބާޒާރުގައި ޑޮލަރު ވިއްކާ އަގުތައް މީޑިއާތަކުގައި ޝާއިއުކުރުން މަނާކުރުމަށް، ބޭރު ފައިސާއާ ބެހޭ ބިލުގައި ހިމެނުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފިއެވެ.

ފުނަދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު މަމްދޫހު ހުށަހެޅުއްވި މި އިސްލާހު ފާސްކޮށްފައިވަނީ ސަރުކާރަށް ތާއީދުކުރައްވާ މެންބަރުންގެ ވޯޓުންނެވެ. މި އިސްލާހުގައިވާ ގޮތުން އެމްއެމްއޭގެ ރޭޓުގެ ބޭރުން ބޭރު ފައިސާ ގަނެވިއްކުމުގެ އަގުތައް ޑިޖިޓަލް ވަސީލަތްތަކުން ނުވަތަ އެ ނޫންވެސް ގޮތަކުން އާންމުކުރުމާއި، ޝާއިއުކުރުމާއި އަދި ފެތުރުމަކީ ކުށެކެވެ.

ކަނޑައެޅިފައިވާ ޖޫރިމަނާތައް:

  • އާންމު ފަރުދުން: 25,000 ރުފިޔާއާއި 500,000 ރުފިޔާއާ ދެމެދުގެ އަދަދަކުން.
  • ވިޔަފާރިތަކާއި ކުންފުނިތައް: 100,000 ރުފިޔާއާއި 5 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން.
  • އެމްއެމްއޭ ރޭޓަށް ވުރެ ބޮޑުކޮށް ޑޮލަރު ވިއްކާ ފަރާތްތައް: 25,000 ރުފިޔާއާއި 1 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން.

ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި މި ބިލަކީ ރިސޯޓުތަކަށް އަންނަ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން އޮތް އުސޫލު އުވާލައި، ޖުމްލަ އާމްދަނީގެ 20 އިންސައްތަ މާރުކުރަން ލާޒިމުކުރުމަށް ހުށަހެޅި ބިލެކެވެ.

މި އިސްލާހާ ގުޅިގެން އިދިކޮޅު އެމްޑީޕީގެ މެންބަރުން ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު، ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވަނީ މީގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅިގެންދާނެ ކަމަށް ވިދާޅުވެފައެވެ.