English Edition
Dhivehi Edition

އިންޑިއާގެ ބެންގަލޫރުގައި ދިވެހިރާއްޖޭގެ ކޮންސިއުލޭޓެއް އަދި ރާއްޖޭގެ އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށް ބުނެ ފެތުރެމުންދާ ހަބަރުތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން ހާމަކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި މައުލޫއާ ގުޅޭގޮތުން ބައެއް ނޫސްތަކުގައާއި މީސްމީޑިއާގައި ޝާއިއުކޮށް ފަތުރަމުންދާ ހަބަރުތަކަކީ އެއްވެސް މިންވަރަކަށް ސައްހަ ހަބަރުތަކެއް ނޫން ކަމަށެވެ.

އެ މިނިސްޓްރީން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި ވެރިރަށް މާލެ ސިޓީ ފިޔަވައި ރާއްޖޭގެ އެހެން އެއްވެސް ރަށެއްގައި ބޭރު ގައުމެއްގެ ކޮންސިއުލޭޓެއް ނުވަތަ މިޝަނެއް ގާއިމުކުރުމާމެދު ދިވެހި ސަރުކާރުން މިހާތަނަށް ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ. އަދި މިފަދަ ކަމަކީ ކަމާގުޅުންހުރި އެންމެހައި ފަރާތްތައް ހިމެނޭހެން، ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިގެން މެނުވީ ނިންމޭނެ ކަމެއް ނޫން ކަން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން މުޖުތަމައުގެ ހަމަޖެހުމާއި ރައްޔިތުންގެ ހޭލުންތެރިކަމަށްޓަކައި، ނޫސްތަކާއި މީސްމީޑިއާގައި ހަބަރު ފަތުރާއިރު ތެދު އަދި ޒިންމާދާރު މައުލޫމާތު ޝާއިއުކުރުމަކީ ނުހަނު މުހިންމު ކަމެއްކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.