އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ރިއާ ޗަކްރަބޯޓީ ޖަލުގައި ހޭދަކުރި 27 ދުވަހުގެ ތަޖުރިބާ ހިއްސާކޮށް، ޖަލުގެ އެތެރޭގައި ތިބޭ މީހުން ބޭރުގައި ތިބޭ މީހުންނަށްވުރެ ރަނގަޅު ކަމަށް ބުނެފިއެވެ.
ކޮމީޑިއަން ތަންމޭ ބަޓްއާއެކު ބޭއްވި އިންޓަވިއުއެއްގައި ރިއާ ވަނީ އަންހެނުންގެ ޖަލުގައި ހޭދަކުރި ދުވަސްތަކުގައި ވަގުތު ހޭދަކުރި ގޮތުގެ ތަފްސީލު ހާމަކޮށްފައެވެ.
ޖަލުގައި ތިބޭ މީހުން ވަގުތު ހޭދަކުރުމަށް ކުރާ ކަންތައްތަކާ ބެހޭގޮތުން ސުވާލުކުރުމުން ރިއާ ބުނީ، އެމީހުން ލަވަކިޔައި، ނަށާހަދައި، އަދި ‘ތޭޗާ’ (ކާނާގެ ބާވަތެއް) ތައްޔާރުކުރާ ކަމަށެވެ. އަދި އަންހެނުންގެ ޖަލުގައި ތިބޭ ގިނަ މީހުންނަކީ ކުށެއްނެތް މީހުން ކަމަށާއި، އެތަނުގައި އެކަކު އަނެކަކަށްވުރެ މަތީ ދަރަޖައެއް ނޯންނަ ކަމަށް އޭނާ ބުންޏެވެ. “އެންމެންވެސް ހަމަހަމަ، އެންމެންނަކީވެސް ނަންބަރެއް، އެއްވެސް މީހަކަށް ނަމުން ނުގޮވާ,” ރިއާ ފާހަގަކުރިއެވެ.
ޖަލުގެ ކާނާއާ ބެހޭގޮތުން ސުވާލުކުރުމުން، ސަމާސާ ކުރަމުން ރިއާ ބުނީ “އަހަރެން ފޮތެއް ލިޔަމުން މިދަނީ، އެ ފޮތް ކިޔާލާ” ކަމަށެވެ. ފޮތުގެ ނަމަކީ “ޗުޑައިލް ކާ ބަދްލާ” ކަމަށް ބުނެ، ސަމާސާއަކަށް ޖަލުގައި ސުޝީ، އަދި ޗާޓް ލިބޭ ކަމަށް އޭނާ ބުންޏެވެ.
ސުޝާންތު ސިންގު ރާޖްޕުތުގެ މަރުގެ މައްސަލައާ ގުޅިގެން މީޑިއާއިން އޭނާއަށް ދިން ނޭދެވޭ ސަމާލުކަމަށް އަލިއަޅުވާލަމުން ރިއާ ބުނީ، އޭނާ ކޮޓަރިއަކަށް ވަނުމާއެކު މީހުންގެ ވާހަކަދެއްކުމުގެ ރާގު ވަގުތުން ބަދަލުވެގެންދާ ކަމަށެވެ. އަދި އޭނާގެ މެސެޖެއް ކަމަށްވާ “އަހަރެން ދަނީ” ސުރުޚީތަކަށް އަރައި، ޗެކެއް ބައުންސްވީ ކަމަށް މީޑިއާއިން މާނަކުރި ގޮތާ މެދު މަޖާކޮށް ވާހަކަދެއްކިއެވެ.
ރިއާ މިހާރު އޭނާގެ ދިރިއުޅުމުގެ ދެވަނަ ބާބު ފަށާފައިވާއިރު، ކަރަން ޖޯހަރް ހުށަހަޅައިދޭ ‘ދަ ޓްރޭޓާސް’ ސީޒަން 2 އިންނާއި، ނެޓްފްލިކްސްގެ ‘ފެމިލީ ބިޒްނަސް’ އިން ކުރިއަށް އޮތް ތަނުގައި އޭނާ ފެނިގެންދާނެއެވެ.