English Edition
Dhivehi Edition
ފޮޓޯ: ރައްޔިތުންގެ މަޖިލީސް

އަދަން ކަނޑާއި ރަތް ކަނޑު އަދި ބާބުލްމަންދިބު ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުފަހަރަށް ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ދޭ ހަމަލާތަކާ ދެކޮޅަށް ސައުދީ އަރަބިއްޔާއިން އިސްނަގައިގެން އުފެއްދި މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަންގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން ފާސްކޮށް، އެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވައިފިއެވެ.

ސައުދީ އަރަބިއްޔާއާއެކު ޖުމްލަ 14 ގައުމެއްގެ ބައިވެރިވުމާއެކު ޖުލައި 30 ގައި އިއުލާނުކުރި މި އިއްތިހާދުގައި ރާއްޖެއިން ބައިވެރިވުމަށް ކެބިނެޓުން ނިންމެވީ އޯގަސްޓު 2 ގައި ބޭއްވި ބައްދަލުވުމުގައެވެ. އެ ނިންމެވުމާ އެއްގޮތަށް، “ޗާޓާ އޮފް ދަ މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން” ގައި ރާއްޖެއިން ބައިވެރިވެ، މުއާހަދާ ތަސްދީގުކުރުމުގެ ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވަނީ މަޖިލީހަށް ސިޓީއެއް ފޮނުއްވާފައެވެ.

ރައީސް މުއިއްޒު މަޖިލީހަށް ފޮނުއްވި ސިޓީގައި ބަޔާންކުރައްވާފައިވާ ގޮތުގައި، މި ކޯލިޝަންގައި ރާއްޖެއިން ބައިވެރިވުމަކީ ދިވެހިރައްޔިތުންގެ މައްޗަށް އެއްވެސް އިލްތިޒާމެއް އުފުލަންޖެހޭނެ ކަމެއް ނޫނެވެ. މި މެރިޓައިމް ޑިފެންސް ކޯލިޝަންގައި ބައިވެރިވާ މުހިންމު ގައުމުތަކުގެ ތެރޭގައި ސައުދީ އަރަބިއްޔާގެ އިތުރުން ބަހުރެއިން، ބަންގްލަދޭޝް، ކޮމޮރޯސް، ޖިބޫޓީ، މިސްރު، އުރުދުން، ކުވައިތު، ގަތަރު، ސޯމާލިއާ، ސޫދާން، ތުރުކީ އަދި ޔަމަނުގެ ގާނޫނީ ސަރުކާރު ހިމެނެއެވެ.

މި އެއްބަސްވުމުގެ ދަށުން ބާބުލްމަންދިބު ކަނޑުއޮޅިއާއި ރަތް ކަނޑުގެ ސަރަހައްދުގެ ސަލާމަތަށް ކުރިމަތިވާ ނުރައްކާތަކާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމާއި، އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރުމާއި، ގުޅިގެން އަސްކަރީ ތަމްރީނުތައް (ޖޮއިންޓް އެކްސަސައިޒް) މެންބަރު ގައުމުތަކުގެ މެދުގައި ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

ޖިބޫޓީއާއި ޔަމަނާ ދެމެދު އޮންނަ ބާބުލްމަންދިބު ކަނޑުއޮޅިއަކީ ބައިނަލްއަގުވާމީ ވިޔަފާރީގެ 12 އިންސައްތައާއި، މުޅި ދުނިޔޭގެ މެރިޓައިމް ތެލުގެ 11 އިންސައްތަ އުފުލާ މުހިންމު ސަރަހައްދެކެވެ. ސައުދީ އިސްވެ މިފަދަ އިއްތިހާދެއް އުފެއްދީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރަށް ހޫތީން ހުރަސްއަޅައި ހަމަލާތައް ދޭން ފެށުމާ ގުޅިގެން ކަނޑުގެ ދަތުރުފަތުރުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަގުސަދުގައެވެ.