ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ރަށްތަކާއި ސިޓީ ކައުންސިލްތަކުގެ އިހުތިސާސުން ބިންތައް މައި ސަރުކާރަށް ނެގެޭގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުތައް ބޭރުކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލިސް ދޮށުގައި އިހުތިޖާޖުކޮށްފިއެވެ.
މި އިހުތިޖާޖުގައި މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމްއާއި، ކައުންސިލަރުންގެ އިތުރުން އިދިކޮޅު އެމްޑީޕީގެ ލީޑާޝިޕްގެ ބޭފުޅުންނާއި އާންމުން ބައިވެރިވެފައިވާއިރު މި އިހްތިޖާޖުގެ މާލެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ރައްޔިތުންގެ މަޝްވަރާއާ ނުލައި އިދާރީ ދާއިރާތަކުން ބިން ވަކިކުރުމުގެ ބާރު ސަރުކާރަށް ދިނުމަކީ ރައްޔިތުންގެ ހައްގުތަކަށް އުނިކަން ލިބޭނެ ބޭއިންސާފު އަމަލެއްކަމަށެވެ. މި ބަދަލުތަކުގެ ސަބަބުން ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ލިބެންޖެހޭ މާލީ މަންފާތައް ހޯދުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށްވެސް މޭޔަރު ފާހަގަކުރެއްވިއެވެ.
ތުޅާދޫ ދާއިރާގެ މިނިވަން މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށަހެޅުއްވި މި ބިލު މަޖިލީހަށް ބަލައިގަތީ 55 މެންބަރުންގެ ވޯޓުންނެވެ. މި ބިލާ ދެކޮޅަށް 8 މެންބަރަކު ވޯޓު ދެއްވިއެވެ. ބިލުގައިވާ ގޮތުން ސަރުކާރުގެ މަޝްރޫއަކަށް ބިމެއް ވަކިކުރަން ވަޒީރުންގެ މަޖިލީހުން ނިންމުމުން، އެ ބިމެއް ކައުންސިލުގެ މިލްކިއްޔާތުން ވަކިވެ ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ތަނަކަށް ބަދަލުވާނެއެވެ.
ކައުންސިލަރުން ސަރުކާރަށް ފުރިހަމައަށް އެއްބާރުލުން ދިނުން މަޖުބޫރުކުރުމާއި، މަގޫބޫލު ސަބަބެއް ނެތި ސަރުކާރުގެ މަޝްރޫއުތަކަށް ހުރަސްއެޅުން މަނާކުރާ މާއްދާތައްވެސް މިއިސްލާހުގައި ހިމެނެއެވެ.
އިދިކޮޅު އެމްޑީޕީން މިއީ ގާނޫނުއަސާސީއާ ހިލާފު ބިލެއް ކަމަށް ބުނަމުންދާއިރު، ބިލު އަނބުރާ ގެންދިއުމަށް ގޮވާލައި އާންމުންގެ ތެރެއިން ގިނަ ބަޔަކު ދަނީ ޕެޓިޝަނެއްގައިވެސް ސޮއިކުރަމުންނެވެ.