މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމަށް ހަމަލާދިން މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
އެ މައްސަލައާ ގުޅިގެން މީހެއްގެ ގައިގައި ޖެހުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ގ. އީރީ، އަބްދުﷲ މުއާޒް، 35އ، އެވެ.
ކްރިިމިނަލް ކޯޓަށް ނެރުނު އަމުރުގައި ބުނެފައި ވަނީ އެމްޑީޕީން ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން، އާޒިމްގެ ގައިގައި އަތްލައި މާރާމާރީ ހިންގަން މުއާޒް މަސައްކަތް ކޮށްފައިވާ ކަމަށް ފުލުހުން ހުށަހަޅައިފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅޭ ގޮތުން އޭނާ ބުނެފައި ވަނީ މޭޔަރު ކައިރިއަށް ދިޔައީ ވާހަކަ ދައްކާލަން ކަމަށާއި އޭނާއާ މެދު މާރާމާރީ ހިންގީ މުޒާހަރާގެ ބައިވެރިން ކަމަށެވެ.