English Edition
Dhivehi Edition
މްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ފޮޓޯ: އެމްޓީސީސީ

މާލޭގެ ކަންކަން ކުރިއަށްގެންދަންވީ ގޮތް މާލޭ ރައްޔިތުން ވޯޓުން ބުނެދީފައިވާ ކަމަށާ އެހެން ކަމުން މިވަގުތު ސަރުކާރުގެ އިސް ބޭފުޅުން ނުފޫޒު ފޯރުވައިގެން ނިންމުންތައް ނިންމުން ހުއްޓައިލުމަށް މާލެ ސިޓީ ކައުންސިލުގެ އިންތިހާބީ މޭޔަރު އާދަމް އާޒިމް ގޮވާލައިފިއެވެ.

އާދަމް އާޒިމް މިހެން ވިދާޅުވީ މާލޭ ސިޓީ ކައުންސިލްގެ ދަށުން ހިންގަމުން އައި ބޮޑެތި މަޝްރޫއުތަކެއް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރު މިނިސްޓްރީއަށް ބަދަލުކުރަން މިއަދު އޮތް ކައުންސިލް ބައްދަލުވުމުގައި ފާސްކުރުމާ ގުޅިގެންނެވެ،

މިއަދު ބޭއްވި ބައްދަލުވުމުގައި ސަރުކާރަށް މެޖޯރިޓީ އޮތް ކައުންސިލުން ވަނީ ބައެއް މަޝްރޫއުތައް އަވަސްކުރަން ކަމާ ގުޅުންހުރި މިނިސްޓްރީ އާއި ހަވާލުކުރަން ނިންމާފައެވެ. މިކަމާ ގުޅިގެން ކަންބޮޑުވުންފާޅުކޮށް އާދަމް އާޒިމް ވަނީ އެ ކަންކަން ހުއްޓައިލަން ގޮވާލާފައެވެ.

“ގާނޫނު އަސާސީގެ އަށްވަނަ ބާބާއި ލާމަރުކަޒީ ގާނޫނުގައި ކަނޑައަޅައިފައިވާ ގޮތާ ހިލާފަށް، ރައީސް އޮފީހުގެ ވަޒީރު ބޭފުޅުން ވަންނަވައިގެން ސިޓީ ކައުންސިލުގެ މަސައްކަތްތައް އަތުލައްވަން ކުރައްވާ މަސައްކަތްތައް ހުއްޓައިލެއްވުމަށް ސަރުކާރަށް ގޮވައިލަން،” އާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން އާދަމް އާޒިމް ވަނީ މާލޭ މޭޔަރުކަމުގެ މަގަމާ ހަވާލުވަންދެން، މިއަދު، ކައުންސިލުން ނިންމި ނިންމުންތަކަށް އަމަލުކުރުން ފަސްކުރުމަށް އެދިލައްވައިފައެވެ.