އަވަސް މެދުވެރިކޮށް އުރީދޫ އެކްސްޕްރެސް ޝޮޕެއް ހުޅުވައި، އުރީދޫ މޯލްޑިވްސްއިން ވަނީ ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށްދޭ ދާއިރާ އިތުރަށް ފުޅާކޮށްފައެވެ.
އޮގަސްޓު 4 ވަނަ ދުވަހު އޮތް ރަސްމިއްޔާތެއްގައި މި އެކްސްޕްރެސް ޝޮޕް ރަސްމީކޮށް ހުޅުއްވައިދެއްވީ އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރ އަދި ސީއީއޯ ޝާދީ ގަވާސްމީ އާއި، އަވަސް އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ޔާނިއު ރަމީޒެވެ. މިއީ ޑިޖިޓަލް އަދި ފިޒިކަލް ހިދުމަތްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ފަސޭހަކަން ފޯރުކޮށްދިނުމަށް ދެ ކުންފުނިން ގުޅިގެން ކުރާ މަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެކެވެ.
އުރީދޫ އިން ބުނީ އެކްސްޕްރެސް ޝޮޕާއެކު މާލޭގައި އުޅޭ ކަސްޓަމަރުންނަށް އުރީދޫގެ އަސާސީ ހިދުމަތްތައް ކުރިއަށްވުރެ އަވަސްކަމާއެކު އަދި ފަސޭހަކަމާއެކު ލިބިގެންދާނެކަމަށެވެ. މި ބައިވެރިވުމުގެ ދަށުން، އާ އެކްސްޕްރެސް ޝޮޕުންނާއި އަވަސް އެޕް މެދުވެރިކޮށް އުރީދޫގެ ހިދުމަތްތައް ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ހޯދޭނެކަމަށް އުރީދޫ އިން ވަނީ ބުނެފައެވެ. އަދި އުރީދޫ ބިލް ދެއްކުމާއި، ރާސްތާ ކުރުމުގެ އިތުރުން އާ ސިމް ކާޑު ގަންނަން ބޭނުންވާ ކަސްޓަމަރުންނަށް މިހާރު ކޮންމެ ތަނެއްގައި ތިބެގެންވެސް ހިދުމަތް ހޯދުމުގެ ފުރުސަތު ލިބިގެންދާނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. މި ބައިވެރިވުމާ ގުޅޭގޮތުން އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ އުރީދޫގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ހިދުމަތްތައް އިތުރަށް ފަސޭހަކަމާއެކު ލިބޭނެ އާ ގޮތްތައް ހޯދައިދިނުންކަމަށެވެ.
“އަވަސްއާއެކު ވެވުނު މި ބައިވެރިވުމުގެ ސަބަބުން، އަވަސް އެޕް މެދުވެރިކޮށް ލިބޭ ޑިޖިޓަލް ޚިދުމަތްތަކުގެ ފަސޭހަކަމާއި، އާ އެކްސްޕްރެސް ޝޮޕުން ލިބޭ އަމަލީ އެހީތެރިކަން އެއްކޮށްލެވި، ކަސްޓަމަރުންނަށް ކުރިއަށްވުރެ ބޮޑު ފަސޭހައެއް ލިބިގެންދާނެ. ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމަށް އަޅުގަނޑުމެން ކުރާ މަސައްކަތުގައި، މިފަދަ ބައިވެރިވުންތަކުގެ ސަބަބުން އާންމުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް އެފަރާތްތަކާ ހަމައަށް ފޯރުކޮށްދިނުމަށް ބޮޑު އެހީއަކަށްވޭ.” ނިޔާޒު ވިދާޅުވިއެވެ.
އަވަސް މެދުވެރިކޮށް ހުޅުވި އުރީދޫ އެކްސްޕްރެސް ޝޮޕަކީ، އީޖާދީ ބައިވެރިވުންތަކާއި ހިދުމަތް ދޭ ވަސީލަތްތައް ފުޅާކޮށް، ކަސްޓަމަރުންނަށް ފަސޭހައިން ގުޅުންބަދަހިކޮށް ތިބެވޭނެ ގޮތް ހެދުމަށް އުރީދޫ މޯލްޑިވްސްއިން ގެންގުޅޭ ފުޅާ ސްޓްރެޓެޖީގެ ބައެކެވެ. މި އާ އެކްސްޕްރެސް ޝޮޕަކީ އުރީދޫގެ އުފެއްދުންތަކާއި ހިދުމަތްތައް ކަސްޓަމަރުންނަށް ފަސޭހައިން ލިބޭނެ ގޮތް ހެދުމަށާއި، މުއާމަލާތްތައް ހިންގުމުގައި އިތުރު ފުރުސަތުތަކާއި ފަސޭހަތައް ހޯދައިދިނުމަށް އުރީދޫއިން ކުރަމުންދާ މަސައްކަތަށް އިތުރުވި މުހިންމު ބޮޅެކެވެ.