ޖުމްހޫރީ ދުވަހަކީ ދިވެހީންގެ ދައުލަތުގެ ވެރިކަމާ މެދު ދިވެހީންގެ ބަސް އިއްވި ދުވަސްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ މިރޭ ބޭއްވި ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މިއަހަރުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ޖުމްހޫރީ ވެރިކަމުގެ މާނައަށް އަލިއަޅުއްވައިލައްވަމުން ރައީސް ވިދާޅުވީ، ޖުމްހޫރީ ވެރިކަމަކީ ރައްޔިތުންގެ ތެރެއިން ގިނަ ރައްޔިތުންގެ ނިންމުމުގެ މަތީން ހޮވާފައިވާ ވެރިޔަކު ހިންގާ ޑިމޮކްރެޓިކް ވެރިކަންކަމަށެވެ. އަދި ޖުމްހޫރީ ދުވަހަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ނިންމުން ފާހަގަކޮށް، ގައުމުގެ މާޒީއާއި މިއަދާއި މުސްތަގުބަލާ މެދު ފިކުރު ހިންގުމުގެ ދުވަސްކަމުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
ދިވެހީންގެ ތާރީހީ ނަސީބުވެރިކަން ފާހަގަކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، ކުޑަ އާބާދީއަކާއެކު 4،000 އަހަރުވީ ތާރީހެއްގައި މިނިވަންކަންމަތީ ދެމިތިބެ، ޒަމާނީ ޑިމޮކްރަސީގެ އުސޫލުތައް ލިބިގަތުމަކީ ދިވެހީންގެ ގައުމީ ވިސްނުމާއި މާތް ﷲ ދެއްވި މަތިވެރި ނިއުމަތުގެ ހެއްކެއްކަމަށެވެ. އަދި ވަރަށް ފަހަކާ ޖެހެންދެންވެސް އެއް ލައްކަ މީހުން ހަމަނުވާ މަދު އާބާދީއެއްގެ ބަޔަކު އެތައް ހާސް އަހަރަކަށް މިހާ ބޮޑު ރާއްޖެއެއް ދިފާއުކޮށް މިނިވަންކަންމަތީ ތިބުމަކީ އާދަޔާ ހިލާފު ހަގީގަތެއްކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން، އިސްލާމްދީން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިގަތްތާ ކުރީކޮޅުގައި ދިވެހީން އެ މާތް ދީން އިހްތިޔާރުކުރިކަމާއި، މި ސަރަހައްދުގައި އެންމެ ފުރަތަމަ ލިޔެވުނު ފުރިހަމަ ގާނޫނުއަސާސީ އެކުލަވައިލީ ދިވެހީންކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ރަސްކަމަކުން އިންތިހާބީ ރަސްކަމަކަށް، އިންތިހާބީ ރަސްކަމަކުން ޖުމްހޫރީ ވެރިކަމަކަށް އަދި ޒަމާނީ ޑިމޮކްރަސީގެ އުސޫލުތަކަށް ދިވެހީން ވާސިލުވުމުން އެނގެނީ، ގައުމަށް އެންމެ ފައިދާހުރި މަގުތައް އިހްތިޔާރުކުރުމުގައި ދިވެހީންނަކީ ލާމަސީލު ނަމޫނާ ރައްޔިތެއްކަން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދުނިޔޭގައި އަމިއްލަ މިނިވަން ބިމެއް ނުލިބި އަނިޔާ ލިބެމުންދާ އެތައް އިންސާނުންނެއްގެ ވޭންތަކާ އަޅާބަލާއިރު، ދިވެހީންނަށް ލިބިފައިވާ އަމާންކަމާއި މިނިވަންކަމަށްޓަކައި އަބަދުވެސް މާތް ﷲ އަށް ޝުކުރުވެރިވާން ޖެހޭނެކަމަށް ރައީސް ވިދާޅުވިއެވެ. މިއަހަރުގެ ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ހިދުމަތުގެ އެންމެ މަތިވެރި ޝަރަފު އެރުވުމާއި، ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމު ދެއްވުންވެސް އޮތެވެ.