ގަންބުރި މުންގި މެމޯރިއަލް ފުޓްސަލް ޗެލެންޖުގައި ރޭ ކުޅެވުނު ފޯރިގަދަ ސެމީ މެޗުގައި ޗޮކޯ އެފްސީ ބަލިކޮށް ހަސްތާ ލަ ވިސްތާ އިން ފައިނަލްގެ ޖާގަ ކަށަވަރުކޮށްފިއެވެ.
ރޭ މިދޫ ފުޓްސަލް ދަނޑުގައި ކުޅެވުނު މި މެޗުގައި ދެ ޓީމްގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔައިރު ޗޮކޯ އެފްސީން ވަނީ މެޗުގެ ފުރަތަމަ ހާފްގައި ލަނޑެއް ޖަހާފައެވެ. ޒާލިފް ކާމިޔާބުކުރި މި ލަނޑާއެކު އެ ޓީމުން ހަމަޖެހިލިއިރު ހަސްތާ ލަ ވިސްތާ އިން ވަނީ ޗޮކޯ އެފްސީގެ ގޯލަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާފައެވެ. އެހެންނަމަވެސް މެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔައި ހަސްތާ ލަ ވިސްތާއަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.

މެޗުގެ ދެވަނަ ހާފްގައި ހަސްތާ ލަ ވިސްތާ އިން ނިކުތީ މެޗުގެ ނަތީޖާ ބަދަލުކޮށްލުމަށް ތައްޔާރުވެގެންނެވެ. އެ ގޮތުން މެޗުގެ ދެވަނަ ހާފްގައި ޗޮކޯ އެފްސީގެ ކޮޅަށް ތިން ލަނޑު ޖަހާ އެ ޓީމުން ވަނީ މެޗުގެ ކޮންޓްރޯލް އެއްކޮށް ނަގާފައެވެ. ހަސްތާ ލަ ވިސްތާގެ ލަނޑުތައް ކާމިޔާބުކޮށް ދިނީ މައުޝޫގެ އިތުރުން މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ރަމްޒީއެވެ. ރަމްޒީވަނީ އެ ޓީމަށް ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ.