English Edition
Dhivehi Edition
ހައްޖުވެރިން އެނބުރި އައުން. ފޮޓޯ ހައްޖު މިޝަން

ޙައްޖުގެ މަތިވެރި އަޅުކަން ފުރިހަމަކުރުމަށްފަހު އެނބުރި ރާއްޖެ އަންނަ ޙައްޖުވެރިން، ރާއްޖެ އަންނަ ދުވަހުން ފެށިގެން 14 ދުވަސް ވަންދެން އެމީހުންގެ ޞިއްޙީ ހާލަތު ވަރަށް ގާތުން މޮނިޓަރކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން މިގޮތަށް އިލްތިމާސްކުރީ ޙައްޖުގެ މާޙައުލަކީ ދުނިޔޭގެ އެކި ކޮޅުތަކުން ގިނަ އަދަދެއްގެ ބަޔަކު އެއްވެ އުޅޭ ތަނަކަށް ވެފައި، ބަލިތައް ފެތުރުމުގެ ފުރުސަތު ބޮޑު ސަރަހައްދަކަށް ވާތީއެވެ. މިއީ އެނބުރި އަންނަ ޙައްޖުވެރިންގެ ސަލާމަތްތެރިކަމަށާއި ރާއްޖޭގެ އާންމު ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެކެވެ.

އެޗްޕީއޭގެ ޑިރެކްޓަރ އޮފް ޕަބްލިކް ހެލްތު ސަނާ ސަލީމް ފާހަގަކުރެއްވި ގޮތުގައި، ގިނަ ބަޔަކު އެއްވެ އުޅޭ މާޙައުލެއްގައި އުޅުމަށްފަހު އަންނައިރު ބަލީގެ އަލާމާތެއް ވަގުތުން ނުފެނުނު ކަމުގައިވިޔަސް، ފަހުން ބަލީގެ އަސަރު ފެނުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން، ރާއްޖެއަށް އެނބުރި އައުމަށްފަހު ރޯގާގެ އެއްވެސް އަލާމާތެއް ފެނޭތޯ އަމިއްލައަށް ބަލައި މޮނިޓަރކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މިގޮތަށް އަމަލުކުރުމުން ރާއްޖޭގެ ތެރޭގައި އާ ބަލިމަޑުކަމެއް ފެތުރުން ވަރަށް ބޮޑަށް ކުޑަކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މިއީ ރާއްޖޭގައި ގައިންގަޔަށް އަރާ ބަލިތައް އިތުރުވަމުންދާ ދުވަސްވަރަކަށް ވާތީ، އެ އިދާރާއިން ދަނީ ރާއްޖޭގެ ޞިއްޙީ ހާލަތު ވަރަށް ގާތުން ބަލަމުންނެވެ. އެހެންކަމުން، ޙައްޖުން އެނބުރި އަންނަ ފަރާތްތަކުގެ ހަށިގަނޑުން ނުވަތަ އާއިލާގެ މީހެއްގެ ކިބައިން އެއްވެސް ބައްޔެއްގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަކަށް ދައްކައި ފަރުވާ ހޯދުމަށް އެޗްޕީއޭއިން ވަނީ ހުރިހާ ސަޕޯޓަރުންނާއި އާންމުންނަށް އިރުޝާދު ދީފައެވެ.