English Edition
Dhivehi Edition
ރާއްޖެ އާއި އިތިއޯޕިއާ ދެމެދު ވައިގެ ދަތުރުފަތުރުގެ އެއްބަސްވުމުގައި ސޮއިކުރުން

ދިވެހިރާއްޖެއާއި ފެޑެރަލް ޑިމޮކްރެޓިކް ރިޕަބްލިކް އޮފް އިތިއޯޕިއާއާ ދެމެދު ސީދާ ވައިގެ ދަތުރުފަތުރުގެ ހިދުމަތް ގާއިމުކުރުމާ ބެހޭ މުހިންމު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، މި އެއްބަސްވުމުގެ އިތުރުން ދެ ގައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭ ފަހުމްނާމާއެއްގައި ވެސް ވަނީ ސޮއިކޮށްފައެވެ.

ދިވެހިރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން މުހައްމަދު އަމީންއެވެ. އިތިއޯޕިއާގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް މިސްޓަރު ޔޮއާނަސް އަބޭރާ ބެލެޓޭއެވެ.

އިތިއޯޕިއާއަކީ އެފްރިކާ ބައްރުގެ ގައުމުތަކުގެ ތެރެއިން ރާއްޖެއިން ވައިގެ ދަތުރުފަތުރުގެ އެއްބަސްވުން އެކުލަވައިލި 6 ވަނަ ގައުމެވެ. މީގެ ކުރިން ރާއްޖެއިން ވަނީ މިސްރު، މޮރިޝަސް، ރުވާންޑާ، ސީޝެލްސް އަދި ސައުތު އެފްރިކާއާއެކު މިފަދަ އެއްބަސްވުންތައް ގާއިމުކޮށްފައެވެ.

މި އެއްބަސްވުމުގެ ދަށުން އިތިއޯޕިއާގެ ގައުމީ އެއާލައިން “އިތިއޯޕިއަން އެއާލައިންސް” އިން އެ ގައުމުގެ އެޑިސް އަބާބާއިން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމުގެ މަގު ފަހިވެގެންދާނެއެވެ. މީގެ އިތުރުން ރާއްޖޭގެ ގައުމީ އެއާލައިން “މޯލްޑިވިއަން” އަށް ވެސް އިތިއޯޕިއާއަށް ދަތުރުތައް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.