English Edition
Dhivehi Edition

މުމްބާއީގައި ބޭއްވި ހަފްލާއެއްގައި ބޮލީވުޑްގެ ސުޕަސްޓާ ސަލްމާން ހާން ފެނިގެންދިޔަ ވީޑިއޯތަކަކާއެކު އޭނާގެ ސިއްހަތާ މެދު ގިނަ ބަޔަކު ކަންބޮޑުވުންފާޅުކުރަމުން އަންނައިރު މި ވީޑިއޯއިން ފެންނަ ގޮތުން އޭނާ ހުރީ ކުރިއަށްވުރެ ވަރަށް ބޮޑަށް ހިކިފައެވެ. ސޯޝަލް މީޑިގައި ދައުރުވަމުންދާ ވީޑިއޯތަކަށް ކޮމެންޓް ކުރި ބައެއް ފަރާތްތަކުން ބުނެފައިވަނީ އޭނާ ފެންނަނީ ވަރަށް ބަލިކޮށް އަދި ވަރުބަލިކޮށް ކަމަށެވެ.

އޭނާގެ އުމުރުން ދުވަސްވަމުންދާކަން މޫނުމަތިން ފާހަގަކުރެވޭ ކަމަށްވެސް ބައެއް މީހުން ބުންޏެވެ. ނަމަވެސް، ސަލްމާން ހާންގެ ދިފާއުގައި ވާހަކަދައްކާ މީހުން ވަނީ، އޭނާގެ އުމުރާ ގުޅޭގޮތުން ހުރި ބަދަލުތައް ކެމެރާގެ ކުރިމަތީގައި ފޮރުވުމެއް ނެތްގޮތަށް ދައްކާލުމުން އެކަމަށް ތައުރީފުކޮށްފައެވެ.

ސޯޝަލް މީޑީއާގައި ސަލްމާންގެ ސިއްހީ ހާލަތާއި ގުޅޭ ގޮތުން ގިނަ ބަޔަކު ކަންބޮޑުވުންފާޅުކުރަމުން އަންނައިރު މިހުރިހާ ވާހަކައެއްގެ ޖަވާބެއްގެ ގޮތުން ސަލްމާން ވަނީ އޭނާގެ ފަހުގެ ފޮޓޯއެއް ސޯޝަލް މީޑިގައި ހިއްސާކޮށްފައެވެ. އެ ވާހަކަތަކަށް ސީދާ ގޮތެއްގައި އޭނާ އެއްޗެކޭ ނުބުނި ނަމަވެސް، އެ ޕޯސްޓަކީ ދެކެވެމުންދާ ވާހަކަތަކަށް ދިން މަޖާ ރައްދެއްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ. މިއީ ވާހަކަ ދެއްކުމުގެ ބަދަލުގައި ސޯޝަލް މީޑިއާ ޕޯސްޓްތަކުން ކަންކަން ސާފުކޮށްދޭން ސަލްމާން ބޭނުންވާކަން ހާމަވާ ކަމެއްގައި ގިނަ ބަޔަކު ވަނީ ބުނެފައެވެ.

އެ ވާހަކަތަކަށް ސީދާ ރައްދެއް ދިނުމުގެ ބަދަލުގައި ސަލްމާން އެ ޕޯސްޓްގެ ކެޕްޝަންގައި ލިޔެފައިވަނީ “އާޕް ލޯގޮން ކީ ތަބިޔަތު ކައިސީ ހޭ؟” (ތިޔަ އެންމެ ބޭފުޅުންގެ ހާލު ކިހިނެއްތޯ؟) އެވެ. މި އާ ފޮޓޯތަކުން ފެންނަނީ ކެމެރާއަށް ޕޯޒްކޮށްގެން ހުރިއިރު އޭނާ ވަރަށް ހަމަޖެހިލައިގެން ހުއްޓިހުރި ތަނެވެ. ސަލްމާން މި ޕޯސްޓް ހިއްސާކުރިތާ މާގިނައިރެއް ނުވެ، ކޮމެންޓް ސެކްޝަން ވަނީ ލޯތްބާއި ހިތްހަމަޖެހުމުގެ މެސެޖުތަކުން ފުރާލާފައެވެ.