English Edition
Dhivehi Edition
މާލޭގެ ފިހާރައެއް ކައިރީގައި މީހުން ކިޔޫ ހަދާލާފައި - ފޮޓޯ: ޕީއެސްއެމް ނިއުސް

ދިވެހިރާއްޖޭގެ އިންފްލޭޝަނާއި، އިގްތިސާދީ ކުރިއެރުމާއި އަދި އާބާދީގެ ކުރިމަގުގެ އޮއިވަރުތަކާ ބެހޭ މުހިންމު ރަސްމީ ތަފާސްހިސާބުތައް އާންމުންނަށް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އިން އިންޓަރެކްޓިވް ޑޭޓާ އެކްސްޕްލޯރާ ޕޯޓަލް ތައާރަފްކޮށްފިއެވެ.

މި ޕްލެޓްފޯމް ލޯންޗުކޮށްފައިވަނީ، އެމްބީއެސް އަކީ ފަންނީގޮތުން މިނިވަން ގައުމީ ތަފާސްހިސާބު އޮފީހެއްގެ ގޮތުގައި ކަނޑައެޅި، ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގާނޫނު ވުޖޫދަށް އައިތާ ފަސް އަހަރު ފުރުމުގެ މުނާސަބަތުގައި މިދިޔަ ހޯމަ ދުވަހުއެވެ.

މި ޑޭޓާ އެކްސްޕްލޯރު މެދުވެރިކޮށް ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ގެ މައުލޫމާތާއި، ގައުމީ އުފެއްދުންތެރިކަމުގެ މިންގަނޑު (ޖީޑީޕީ) ގެ ތަފާސްހިސާބުތަކާއި އަދި އާބާދީގެ ލަފާކުރުންތައް އިންޓަރެކްޓިވްކޮށް ބަލާލެވޭނެއެވެ. މީގެ ސަބަބުން ބޭނުންކުރާ ފަރާތްތަކަށް، ފަސޭހަ އަދި ލުއި ޕްލެޓްފޯމެއްގެ ތެރެއިން ރަސްމީ މައުލޫމާތުތައް ހޯދައި ދެނެގަތުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެމްބީއެސް އިން ވަނީ ބުނެފައެވެ.

މި ޕްލެޓްފޯމްގެ މަގްސަދަކީ ދިވެހިރާއްޖޭގެ އިގްތިސާދީ އަދި އާބާދީއަށް އަންނަ ބަދަލުތަކާ މެދު އާންމުން ހޭލުންތެރިކުރުވުންކަން ފާހަގަކޮށް އެމްބީއެސް އިން ބުނީ ތަފާސްހިސާބުގެ ގާނޫނުގެ ސަބަބުން ގައުމުގައި ރަސްމީ ތަފާސްހިސާބުތައް ދެނެގަތުމާއި، ބެލެހެއްޓުމާއި، ކޮންޓްރޯލްކުރުމާއި، އަދި އާންމުން ހޭލުންތެރިކުރުމާ ބެހޭ ގާނޫނީ އަދި މުއައްސަސާގެ އޮނިގަނޑު ވަރުގަދަވެފައިވާ ކަމަށެވެ.

މި ގާނޫނުގެ ދަށުން، އެމްބީއެސް އިސްކޮށް ހިންގުމަށްޓަކައި ޗީފް ސްޓެޓިސްޓިޝަން އައްޔަންކުރައްވަނީ ރައީސުލްޖުމްހޫރިއްޔާއެވެ. މި ބިއުރޯއާ ގުޅޭ ކަންކަމުގައި ޒިންމާވާންޖެހޭ ވުޒާރާއަކީ މިނިސްޓްރީ އޮފް ފައިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްއެވެ. އަދި އެ ބިއުރޯ ހިންގަނީ މިނިސްޓަރީ އޮފް ފައިނޭންސްގެ އިރުޝާދުގެ ދަށުންނެވެ.