English Edition
Dhivehi Edition

ރާއްޖޭގެ އެންމެ ބޮޑު ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑިޖިޓަލް ހިދުމަތްތައް އިތުރަށް ފުޅާކުރުމަށާއި ކޯ ބޭންކިން ނިޒާމު ޒަމާނީ ކުރުމަށްޓަކައި ‘ފިނަސްޓްރާ އެސެންސް’ ޕްލެޓްފޯމް ހިޔާރުކޮށްފިއެވެ. ފިނަސްޓްރާއަކީ މާލީ ދާއިރާގެ ސޮފްޓްވެއާ އުފެއްދުމުގައި ދުނިޔޭގެ ކުރިއަރާފައިވާ ބޮޑު ކުންފުންޏެކެވެ.

މި އެއްބަސްވުމުގެ ސަބަބުން އައު އީޖާދީ އުފެއްދުންތަކާއި ހިދުމަތްތައް އަވަސް މުއްދަތެއްގެ ތެރޭގައި ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެއެވެ. އަދި އޮޓޮމޭޝަންގެ އެހީގައި ބޭންކުގެ މަސައްކަތްތައް ތަރުތީބުވެ، ކޮންވެންޝަނަލް އަދި އިސްލާމިކް ބޭންކިން މެދުވެރިކޮށް ކަސްޓަމަރުންގެ ބޭނުންތަކަށް ރިއާޔަތްކޮށް މެދުކެނޑުމެއް ނެތި ހިދުމަތްތައް ފޯރުކޮށްދިނުމަށް ބީއެމްއެލްއަށް ބޮޑު ކުރިއެރުމެއް ލިބޭނެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ބޭންކުގެ އަމާޒަކީ މެދުކެނޑުމެއްނެތި އައު އީޖާދުތައް ތައާރަފުކުރުމާއި، ކަސްޓަމަރުންނާއި މުޖުތަމައުތަކަށް ދެމެހެއްޓެނިވި މަންފާއާއި ކުރިއެރުން ހޯދައިދިނުން ކަމަށެވެ. އަދި ފިނަސްޓްރާގެ ޔުނިވާސަލް ބޭންކިންގެ އީވީޕީ ޝަވާން ބައިރަން ވިދާޅުވީ، ރާއްޖޭގެ މާލީ ދާއިރާގެ އެންމެ މުހިންމު އެއް ތަންބު ކަމަށްވާ ބީއެމްއެލްގެ ހިދުމަތްތައް ޒަމާނީ ކުރުމުގައި ބައިވެރިވުމަކީ ލިބޭ ބޮޑު އުފަލެއް ކަމަށެވެ.