ދިވެހި ބަހުން ފުރަތަމަ ފަހަރަށް ފަށާ “ފުރަމާރަ ޓޯސްޓްމާސްޓާސް ކްލަބް” ގައި ބައިވެރިވުމަށް އާންމުކޮށް ހުޅުވާލައިފިއެވެ. މިއީ ޓޯސްޓްމާސްޓާސް އިންޓަނޭޝަނަލް ގެ ދަށުން ރާއްޖޭގައި ދިވެހި ބަހުން އުފައްދާ ފުރަތަމަ ކުލަބެވެ.
ފުރަމާރަ އެކަޑަމީގެ އިސްނެގުމާއެކު ފަށާ މި ކުލަބުގެ ޑެމޯ ބައްދަލުވުން ވަނީ ޖޫން މަހުގެ 20 ވަނަ ދުވަހު، 50 ބައިވެރިންނާއެކު ކުރިއަށް ގެންގޮސްފައެވެ.
މި ކްލަބްގެ މައިގަނޑު މަގުސަދަކީ ދިވެހިންގެ މާދަރީބަހުން މުއާސަލާތުކުރުމާއި އިސްނެގުމުގެ ހުނަރުތައް ތަރައްގީކުރުމުގެ ފުރުސަތު ވީހާ ގިނަ ފަރާތްތަކަށް ފަހިކޮށްދިނުމެވެ. މި މަސައްކަތުގެ ސަބަބުން ހުނަރުވެރި ވާހަކަދެއްކުންތެރިންނާއި ހިންގުންތެރިން ބިނާވުމުގެ އިތުރުން، ދިވެހި ބަސް ކުރިއަރުވައި، ރައްކާތެރިކޮށް، ބަހަށް އޮންނަ ލޯބި އިތުރުވެގެންދާނެ ކަމަށް ފުރަމާރަ އެކަޑަމީން ބުނެއެވެ.
” 2026 ޖޫން 20 ވީ ދުވަހަކީ “ފުރަމާރަ ޓޯސްޓްމާސްޓާސް ކްލަބް” ގެ އެންމެ ފުރަތަމަ “ޑެމޯ” ނުވަތަ ނަމޫނާ ބައްދަލުވުން ކާމިޔާބުކަމާއެކު ބޭއްވުނު ތާރީޚީ ދުވަސް. މިއީ މުޅިން ދިވެހިބަހުން ކުރިއަށްގެންދާ ޓޯސްޓްމާސްޓާސް ކްލަބެއް ރާއްޖޭގައި އުފެއްދުމަށް ފެށުނު އުންމީދީ ދަތުރެއްގެ ފުރަތަމަ ފިޔަވަޅު.މި މުހިންމު ހަރަކާތުގައި ބައިވެރިވެ، އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެއްވި ހުރިހާ ބޭފުޅުންނަށް އިޚްލާޞްތެރި ޝުކުރު ދަންނަން. އަޅުގަނޑުމެންގެ އުއްމީދަކީ ޖުލައި 2026 ނިމެންވާ އިރަށް ރަސްމީކޮށް ކުލަބު ފެށިގެން ދިއުން. ކުލަބުގެ ޗާޓަރ މެމްބަރަކަށް ވުމުގެ ފުރުޞަތު ކޮންމެ ބޭފުޅަކަށްވެސް އޮންނާނެ” ފުރަމާރަ އެކަޑަމީގެ އެއް ކޯ ފައުންޑަރ އަދި އައްޑޫ ޓޯސްޓްމާސްޓަރސް ކުލަބުގެ ރައީސް، އާމިނަތު ޢަލީ ވިދާޅުވިއެވެ.
ޑެމޯ ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަަކުން ބުނީ މިއީ ގިނަ ދުވަސް ތަކެއް ވަންދެން ކުރަމުން އައި އުއްމީދެއް ކަމަށާއި ޓޯސްޓްމާސްޓާސް ކުލަބުތައް އެހެން ގައުމުތަކުގެ ބަހުން ކުރިއަށް ގެންދެވޭއިރު ދިވެހި ބަހުން ކުރިއަށް ގެންދާ ކުލަބެއް ފެނުން އެއީ ވަރަށް އުފާވާ ކަމެއް ކަމަށެވެ. އަދި މި ކުލަބުގެ ސަބަބުން ދިވެހި ބަސް ކުރިއެރުވުމަށް މަސައްކަތް ކުރުމާއެކު އަދުގެ ޒުވާނުންނަށް ކުށެއް ނެތް ސާފު ދިވެހި ބަހުން ވާހަކަ ދައްކަން ފަރިތަ ކުރާނެ މަންސައެއް ލިބިގެން ދާނެ ކަމަށެވެ.
ޓޯސްޓްމާސްޓާރސް އިންޓަނޭޝަނަލް އަކީ މީހުންގެ މުއާސަލާތު ކުރުމުގެ ހުނަރާއި، އާންމު މަންސަތަކުގައި ފަސްޖެހުމެއް ނެތި ކެރިގެން ވާހަކަދެއްކުމާއި، އިސްނެގުމުގެ ހުނަރުތައް ތަރައްޤީކުރުމަށް އެހީތެރިވެދޭ ބައިނަލް އަޤްވާމީ ތަޢުލީމީ ޖަމްޢިއްޔާއެކެވެ. މިއީ 1924 ވަނަ އަހަރު .އެމެރިކާގެ، ކެލިފޯނިއާގެ ސަންޓާ އަނާގައި ޑރ. ރަލްފް ސީ. ސްމެޑްލީ ބިނާކުރެއްވި ޖަމްޢިއްޔާއެކެވެ.
އެންމެ ކްލަބަކުން ފެށުނު މި މަސައްކަތް މިއަދު ވަނީ 140 އަށްވުރެ ގިނަ ޤައުމުގައި ފެތުރި، އެތައް ލައްކަ މެންބަރުންގެ މައްޗަށް އެކުލެވޭ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއަކަށް ބަދަލުވެފައެވެ. ވޭތުވެދިޔަ ޤަރުނެއްހާ ދުވަހު، ޓޯސްޓްމާސްޓާރސްއިން ދަނީ މީހުންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށް، ވަރުގަދަ ލީޑަރުންނާއި މުޢާސަލާތު ކުރުމަށް ކުޅަދާނަ ބަޔަކަށް އެމީހުން ބަދަލުކޮށްދެމުންނެވެ.

ޓޯސްޓްމާސްޓަސްއާއި ގުޅިގެން ކުރިއަށްދާއިރު މެންބަރުންގެ މުއާމަލާތްކުރުމާއި ހިންގުމުގެ ހުނަރުތައް ތަރައްގީކުރުމަށް ފަރުމާކޮށްފައިވާ، ޓޯސްޓްމާސްޓާސްގެ ޒަމާނީ ތައުލީމީ ޕްރޮގްރާމެއް އޮވެއެވެ. ދަސްކުރުމަށް ޚާއްސަކޮށްގެން ފަރުމާ ކުރެވިފައިވާ މި މަންސައިގައި 11 ޕާތްވޭ ނުވަތަ މަގެއް ޚިޔާރުކޮށްގެން މެމްބަރުންނަށް ކުރިއަށްދެވޭނެއެވެ. ލުއިފަސޭހަ އޮންލައިން އުނގަންނައިދިނުމުގެ މިނިޒާމުގައި މޮޅު ވާހަކަދެއްކުންތެރިއަކަށް، ވަރުގަދަ ހިންގުންތެރިއަކަށް، ނަތީޖާނެރޭ ކޯޗަކަށް ނުވަތަ ހުނަރުވެރި މުއާމަލާތްކުރާ ފަރާތަކަށް ވާން ބޭނުންވާ މީހެއް ކަމުގައިވީނަމަވެސް، ކުރިއެރުމަށް އެހީތެރިވެދޭނެ މަގެއް މި ޕްރޮގްރާމްގެ ތެރެއިން ފެންނަން އޮންނާނެއެވެ.
ރާއްޖޭގައި މިވަގުތު ހަރަކާތްތެރިވާ 2 ކުލަބެއް އެބައޮތެވެ. އެއީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އެޗް.ޑީ.ސީ ޓޯސްޓްމާސްޓަރސް ކުލަބާއި އޮންލައިން ކުލަބެއް ކަމަށްވާ އައްޑޫސިޓީ ޓޯސްޓްމާސްޓަރސް ކުލަބެވެ. މި ދެ ކުލަބަކީ ވެސް އިނގިރޭސި ބަހުން ކުރިއަށް ގެންދާ ކުލަބުތަކެކެވެ.
ފުރަމާރައިން ފަށާ މި ކުލަބު ވެގެން ދާނީ ދިވެހި ބަހުން މުއާސަލާތު ކުރާ ފުރަތަމަ ކުލަބަށެވެ. މި ކުލަބުގައި ބައިވެރިވުމަށް މިހާރު ފުރުސަތު ހުޅުވާލާފައިވާއިރު ޝައުގުވެރިވާ ފަރާތްތަކުން 7548078 މި ނަމްބަރަށް ގުޅައިގެން އިތުރު މައުލޫމާތު ހޯއްދެވޭނެއެވެ.