ވައިގެ މަގުން ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހައްޔަރުކޮށްފައިވާ އާމިނަތު ރޫނާ, ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
ރޫނާ ހައްޔަރުކުރީ މިދިޔަ އޭޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ރޭ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ކައުންޓަ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. އަދި އޭނާގެ ބަންދުގެ މުއްދަތު އެކި ފަހަރު މަތިން އިތުރުކުރުމަށްފަހު، ކޯޓުން މިހާރު ވަނީ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ނިންމާފައެވެ.
މި މައްސަލައިގައި ރޫނާގެ އިތުރުން ގ.މުތީގެއާގެ، އަލްޔާ ޝަރްސާ ނަސީރު (25 އަހަރު) ވެސް ވަނީ ހައްޔަރުކޮށްފައެވެ. އަލްޔާ ހައްޔަރުކުރީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ކަސްޓަމްސް އިން އޭނާ ހިފެހެއްޓުމަށްފަހުގައެވެ. އަދި ރޫނާ ހައްޔަރުކުރީ އެ ރޭ ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައެވެ.
ފުލުހުން ކޯޓުގައި ހާމަކޮށްފައިވާ ގޮތުގައި މި މަސްތުވާތަކެތި ރާއްޖެ އެތެރެކުރުމުގެ މުޅި އޮޕަރޭޝަން ރާވައި، އިސްކޮށް ހަރަކާތްތެރިވީ ރޫނާކަމުގައިވާއިރު އަލްޔާ ރާއްޖެއިން ބޭރަށް ދަތުރުކުރީ ވެސް ރޫނާގެ އިރުޝާދުގެ މަތިންނެވެ.