English Edition
Dhivehi Edition

ފީފާ ވޯލްޑްކަޕް 2026 ގެ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން އިންގްލޭންޑް ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ފެނުނީ ވަރަށް ވާދަވެރި އަދި ފޯރިގަދަ ކުޅުމެކެވެ. ގިނަ ފައުލްތަކެއް ފެނިގެންދިޔަ މި ހާފުގައި ދެ ޓީމުގެ އެއް ކުޅުންތެރިއަކަށް ރީނދޫ ކާޑުވެސް ދައްކާފައިވެއެވެ. ފުރަތަމަ ހާފު 0-0 އިން އެއްވަރުވެގެން ނިމުނު ނަމަވެސް، ދެވަނަ ހާފު ފަށައިގެން 55 ވަނަ މިނެޓުގައި އިންގްލޭންޑަށް ލީޑު ނަގައިދިނީ އެންތަނީ ގޯޑަންއެވެ.

އިންގްލޭންޑުން ލަނޑު ޖެހުމާއެކު އާޖެންޓީނާއިން ކުޅުން ވަރުގަދަކޮށް، އިންގްލޭންޑްގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލިއެވެ. މި ހަމަލާތައް ހުއްޓުވުމުގައި އިންގްލޭންޑްގެ ކީޕަރު ޖޯޑަން ޕިކްފޯޑް މުހިއްމު ސޭވްތަކެއް ކުރި ނަމަވެސް، މެޗު ނިމެން 5 މިނެޓަށް ވެފައި ވަނިކޮށް އެންޒޯ ފެނާންޑޭޒް ވަނީ ދުރުން ފޮނުވާލި ރީތި ލަނޑަކުން އާޖެންޓީނާއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

އާޖެންޓީނާ މޮޅުވި ލަނޑު ފެނިގެންދިޔައީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ ދެވަނަ މިނެޓުގައެވެ. ކެޕްޓަން މެސީ ނަގައިދިން ހުރަހަކުން، ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން އާޖެންޓީނާ ފައިނަލަށް ކޮލިފައި ކޮށްދިނީ އިންޓަ މިލާންގެ ފޯވާޑް ލައުޓާރޯ މާޓިނޭޒްއެވެ.

އަންނަ އާދިއްތަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ފައިނަލް މެޗުގައި އާޖެންޓީނާ ވާދަކުރަން ޖެހޭނީ ޔޫރަޕްގެ ޗެމްޕިއަން ސްޕެއިންއާއެވެ. ސްޕެއިން ފައިނަލަށް ދިޔައީ ފުރަތަމަ ސެމީގައި 2-0 އިން ފްރާންސް ބަލިކޮށްގެންނެވެ. މުބާރާތުގެ ތިންވަނަ ހޮވާ މެޗުގައި އަންނަ ހޮނިހިރު ދުވަހު ބައްދަލުކުރާނީ އިންގްލޭންޑް އަދި ފްރާންސްއެވެ.