ދިވެހިރާއްޖޭގެ 58 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ދުވަހުގެ ހެޔޮއެދުންތަކާއި ތަހުނިޔާ ފޮނުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މި ތަހުނިޔާ ފޮނުއްވާފައިވަނީ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖުތަކެއް މެދުވެރިކުރައްވައެވެ.
ރައީސުލްޖުމްހޫރިއްޔާ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ވަނީ ދިވެހި ރައްޔިތުންނަށް ދުޅަހެޔޮކަމާއި އުފާވެރިކަމަށް އެދިވަޑައިގެން، ބާއްޖަވެރި މުސްތަގުބަލަކަށް އެދިވަޑައިގެންފައެވެ.
ފަސްޓްލޭޑީ ސާޖިދާ މުހައްމަދު ވެސް ވަނީ ދުވަހުގެ މުނާސަބަތުގައި ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެފައެވެ. އެކަމަނާގެ މެސެޖުގައި، ޖުމްހޫރީ ވެރިކަމުގެ ހިޔާވަހިކަމުގައި ގައުމަށް ފާގަތިކަމާއި ކުރިއެރުން މިންވަރުކުރެއްވުމަށާއި، ރައްޔިތުންނަށް އަމާންކަމާއި ތަމައްދުން ދެއްވުން އެދިވަޑައިގެން الله ގެ ހަޟްރަތުގައި ދުއާ ދަންނަވާފައިވެއެވެ.
ދިވެހިރާއްޖޭގައި ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު މަހުގެ 11 ވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ ރާއްޖޭގެ ޖުމްހޫރީ ދުވަހުގެ ގޮތުގައެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް ޖުމްހޫރީ ވެރިކަމެއް ގާއިމުކުރެވުނީ 1953 ވަނަ އަހަރުގެ ޖެނުއަރީ އެއް ވަނަ ދުވަހުއެވެ. އޭގެ ފަހުން ދެވަނަ ޖުމްހޫރިއްޔާ އިއުލާންކުރެވި، މިއަދާ ހަމައަށް 58 އަހަރު ވަނީ ފުރިހަމަވެފައެވެ.
ދެވަނަ ޖުމްހޫރިއްޔާގެ ދައުރުގައި މިހާތަނަށް ރާއްޖޭގެ ވެރިކަން ހަތް ބޭފުޅަކު ވަނީ ކުރައްވާފައެވެ. އެ ބޭފުޅުންނަކީ ރައީސް އިބްރާހީމް ނާސިރާއި، ރައީސް މައުމޫން އަބްދުލްގައްޔޫމާއި، ރައީސް މުހައްމަދު ނަޝީދާއި، ރައީސް ޑރ. މުހައްމަދު ވަހީދު ހަސަންގެ އިތުރުން ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމާއި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަދި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.