ތިމާވެށި ހިމާޔަތްކުރުމަށާއި، ކުނީގެ މައްސަލަތަކަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް ދުނިޔޭގެ ފެންވަރުގައި މަސައްކަތްކުރާ “ގްލޯބަލް ޒީރޯ ވޭސްޓް އެލަޔަންސް” ގެ އަމާޒުތަކަށް ރާއްޖޭގެ ފުރިހަމަ ތާއީދު އޮތްކަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ހާމަކުރައްވައިފިއެވެ. އެކަމަނާ މިކަން ހާމަކުރެއްވީ، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ އދ.ގެ ކޮންފަރެންސް (ކޮޕް31) ގެ ތެރެއިން، ތުރުކީގެ އަންތާލިޔާގައި ބޭއްވި “ހައި-ލެވެލް މީޓިންގ އޮފް ދަ ގްލޯބަލް ޒީރޯ ވޭސްޓް އެލަޔަންސް” ގައި ދެއްކެވި ވާހަކަފުޅުގައެވެ.
ތުރުކީގެ ރައީސްގެ އަނބިކަނބަލުން އެމިނޭ އުރުދުގާން އިންތިޒާމުކުރެއްވި މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވިދާޅުވީ، ދުނިޔޭގެ ފެންވަރުގައި ޒީރޯ ވޭސްޓް ހަރަކާތް ކުރިއަށްގެންދިއުމަށް އެމިނޭ އުރުދުގާން ކުރައްވާ މަސައްކަތްޕުޅަކީ ފާހަގަކޮށްލެވޭ މަސައްކަތްޕުޅެއް ކަމަށެވެ. އަދި ކަނޑަށް އެޅޭ ކުނީގެ ސަބަބުން ފަރުތަކަށާއި، ކަނޑުގެ ދިރުންތަކަށާއި، ކާބޯތަކެތީގެ ރައްކާތެރިކަމަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަން ފާހަގަކުރައްވައި، ކުންޏަކީ އުކާލުމުން އަމިއްލައަށް ނެތިގެންދާ އެއްޗެއް ނޫންކަން އެކަމަނާ ހަނދާންކޮށްދެއްވިއެވެ.
ރާއްޖެއިން ތިމާވެށި ރައްކާތެރިކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، މިދިޔަ އޮގަސްޓް މަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވި ކުނި ނައްތާލުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުތައް އެކަމަނާ ފާހަގަކުރެއްވިއެވެ. އެ އިސްލާހުތަކުގެ ދަށުން ގަވާއިދާ ހިލާފަށް ރާއްޖެއަށް ކުނި އެތެރެކުރުން މަނާކޮށް، ނުރައްކާތެރި ކުނީގެ ވިޔަފާރި ހުއްދަނެތި ކުރާ ފަރާތްތަކަށް ހަރުކަށި އަދަބުތަކެއް ކަނޑައަޅާފައިވާ ކަމުގައި އެކަމަނާ ވިދާޅުވިއެވެ.
މީގެއިތުރުން، ކުނި ނައްތާލުމަކީ އެންމެންގެ ޒިންމާއެއްކަން ފާހަގަކުރައްވަމުން އެކަމަނާ ވިދާޅުވީ، ރާއްޖެ ފަދަ އިމްޕޯޓަށް ބަރޯސާވާ ގައުމުތަކުން އުފުލަން ޖެހެނީ އެހެން ގައުމުތަކުގައި އުފައްދައި، ބަންދުކޮށްގެން ފޮނުވާ ކުނީގެ ބުރަ ކަމަށެވެ. އެހެންކަމުން އުފެއްދުންތެރިންގެ ޒިންމާއަކީ މުދާ ވިއްކުމުން ނިމޭ ކަމަކަށް ވެގެން ނުވާނެ ކަމަށާއި، މުދާ ބަންދުކުރުމުގައި ތިމާވެއްޓާ ރައްޓެހި ގޮތްތައް އިހުތިޔާރުކުރުމާއި ސާކިއުލާ އިކޮނޮމީއަކަށް ވާސިލުވުމަށް މާލީ އެހީތެރިކަން ލިބެންޖެހޭ ކަމަށް ވިދާޅުވިއެވެ.
ތިމާވެށި ސާފުކޮށް ބެލެހެއްޓުމުގައި އިސްނަގާނެ ޖީލެއް ބިނާކުރުމަށްޓަކައި ކުޑަކުދިން ބާރުވެރިކުރުވުމަކީ މުހިންމު ކަމެއްކަން ހާމަކުރައްވަމުން، ދެމެހެއްޓެނިވި ބަދަލަކަށް ވާސިލުވެވޭނީ އާއިލާތަކާއި، ސްކޫލްތައް އަދި މުޖުތަމައު އެކުގައި ގުޅިގެން ކަމުގައި އެކަމަނާ ވިދާޅުވިއެވެ. އަދި ހަގީގީ ބަދަލަކީ ގޭތެރެއިން ފަށައިގެން، ސްކޫލްތަކުގެ ތެރެއިން މޫލައި، މުޖުތަމައުގެ ތެރޭގައި ހެދިބޮޑުވާންޖެހޭ އެއްޗެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.