ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ސާފު ހަކަތައަށް ބަދަލުވުމުގެ ދުވެލި އަވަސްކުރުމަށް ބައިނަލްއަގުވާމީ މާލީ އެހީތެރިކަމާއި އެއްބާރުލުން ނުހަނު ބޭނުންތެރި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ތުރުކީވިލާތުގެ އަންތާލިޔާގައި ކުރިއަށްދާ ކޮޕް31 ލީޑާސް ސަމިޓުގެ ހަވާސާގައި ބޭއްވި “ހައި-ލެވެލް ޑައިލޮގް އޮން ކްލީން އެނާޖީ ޓްރާންސިޝަން އެންޑް އިލެކްޓްރިފިކޭޝަން: 35 ބައި 35: ޕަވަރިން ދަ ފިއުޗާ” ގައި ތަގުރީރު ކުރައްވަމުންނެވެ.
ރައީސް މުއިއްޒު ވިދާޅުވީ، މޫސުމީ ބަދަލުތަކުން އަރައިގަތުމުގެ އިތުރުން ގައުމުގެ އިގްތިސާދީ ރައްކާތެރިކަމަށްޓަކައި ވެސް ސާފު ހަކަތައަށް ބަދަލުވުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ. ހާއްސަކޮށް ބޭރުން ތެޔޮ އެތެރެކުރުމަށް ބަރޯސާވެފައި އޮންނަ އޮތުން ކުޑަކުރުމަކީ ގައުމީ ފެންވަރުގައި އެންމެ އިސްކަމެއް ދޭ އެއް ދާއިރާކަން އެމަނިކުފާނު ހާމަކުރެއްވި އެވެ.
ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 ޕަސަންޓަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ އެއްޗަކަށް ހެދުމަށް 2023 ގައި ކަނޑައެޅި އަމާޒަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ރަށްތައް ވަކިވަކިން އެކަހެރިކޮށް އޮތުމުގެ ސަބަބުން މި ނިޒާމުތައް ގާއިމުކުރުމުގެ ހަރަދު ވަރަށް ބޮޑު ކަމަށެވެ. އެހެންކަމުން މި އަމާޒު ކާމިޔާބުކުރަން އެނާޖީ ސްޓޯރޭޖް ސިސްޓަމްތަކަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ބޭނުންވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ހަކަތައިގެ އިންގިލާބީ ބަދަލު ގެނައުމަށް ސަރުކާރުން “މޯލްޑިވްސް އެނާޖީ ރޯޑްމެޕް 2024–2033” އެކުލަވާލާފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިއީ ތެލަށް ބަރޯސާވުން ނިމުމަކަށް ގެނެސް، ދެމެހެއްޓެނިވި އަދި ހަރަދުކުޑަ ނިޒާމަކަށް ވާސިލުވުމަށް އެކަށައަޅާފައިވާ ފުރިހަމަ ޕްލޭނެއް ކަމަށެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، ހަކަތައިގެ ބައިނަލްއަގުވާމީ ލަނޑުދަނޑިތައް ހާސިލުވާނީ ވެވޭ ވައުދުތައް އަމަލީ ގޮތުން ތަންފީޒުކޮށްގެން ކަމަށެވެ. އަދި ދެމެހެއްޓެނިވި ފެހި މުސްތަގުބަލެއް ބިނާކުރުމަށްޓަކައި ދުނިޔޭގެ އެކި ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކާ ގުޅިގެން ކުރިއަށްދާން ރާއްޖެ ފުރިހަމައަށް ތައްޔާރަށް އޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.