English Edition
Dhivehi Edition

ފީފާ ވޯލްޑް ކަޕް 2026 ގެ ފުރަތަމަ ސެމީ ފައިނަލްގައި ވަރުގަދަ ފްރާންސްގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރިހޯދައި، ޔޫރަޕްގެ ޗެމްޕިއަން ސްޕެއިން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

މިއީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރި ފަހުން ސްޕެއިން މުބާރާތުގެ ފައިނަލާ ހަމައަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. މެޗުގެ ފުރަތަމަ ހާފުގައި ސްޕެއިންއަށް ލީޑު ނަގައިދިނީ މިކެލް އޮޔާޒަބާލްއެވެ. މިއީ ސްޕެއިންގެ ހުނަރުވެރި ވިންގަރު ލަމީން ޔަމާލްއަށް ފްރާންސްގެ އޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. މިއީ މި މުބާރާތުގައި އޮޔާޒަބާލް ޖެހި 5 ވަނަ ލަނޑެވެ. މެޗުގެ 56 ވަނަ މިނެޓުގައި ޑެނީ އޮލްމޯ ދިން ރީތި އެސިސްޓަކުން ސްޕެއިންގެ ދެވަނަ ލަނޑު ޖަހައިދިނީ ޑިފެންޑަރު ޕެޑްރޯ ޕޯރޯއެވެ.

މުޅި މުބާރާތުގައި 16 ގޯލު ޖަހާފައިވާ ފްރާންސްގެ ވަރުގަދަ އެޓޭކް ހުއްޓުވުމުގައި ސްޕެއިންގެ ޑިފެންޑަރުން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ. މިއާއެކު ފްރާންސްގެ ތަރިން ކަމަށްވާ ކިލިއަން އެމްބާޕޭ، އުސްމާން ޑެމްބެލޭ އަދި މައިކަލް އޮލީސްއަށް މި މެޗުގައި މާ އެދެވޭ ކުޅުމެއް ދެއްކޭގޮތް ވަނީ ނުވެފައެވެ.

މި ނަތީޖާއާއެކު ޖެހިޖެހިގެން ތިންވަނަ ފަހަރަށް ވޯލްޑް ކަޕް ފައިނަލަށް ދިއުމަށް ފްރާންސުން ކުރި އުންމީދުތައް ފެނަށް ދިޔައިރު، އެޓީމަށް ދެން ޖެހޭނީ ތިންވަނަ ހޮވާ މެޗުގައި ކުޅޭށެވެ. ފައިނަލްގައި ސްޕެއިން ބައްދަލުކުރަން ޖެހޭނީ ދެވަނަ ސެމީ ފައިނަލްގައި އާޖެންޓީނާ އަދި އިންގްލޭންޑް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.