އުރީދޫ މޯލްޑިވްސްއިން ފިޝަރީޒް މިނިސްޓްރީއާ ގުޅިގެން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ފޯރިގަދަ “އުރީދޫ މަސްރޭސް” މިއަހަރު ބޭއްވުމަށް ނިންމައި، ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ގިނަ ބައެއްގެ ބޮޑު ތަރުހީބެއް ލިބެމުންދާ މި މަސްރޭސް މިއަހަރު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ އޮގަސްޓް މަހުގެ 7 ވަނަ ދުވަހު ކ. މާފުށީގަ އެވެ.ކެޕްޓަނުންނާއި އޮފިޝަލުން ހިމެނޭހެން ޖުމްލަ 12 މީހުންގެ ޓީމެއް އެކުލެވޭ މި މުބާރާތުގައި ބައިވެރިވުމަށް ފޯމު ހުށަހެޅޭނެ އެންމެ ފަހު ތާރީޚަކީ މި މަހުގެ 21 ވަނަ ދުވަސްކަމުގައި އުރީދޫ އިން ވަނީ ބުނެފައެވެ. މުބާރާތުގައި ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ ގިނަވެގެން 20 ޓީމަށްކަން ފާހަގަކޮށް އުރީދޫއިން ވަނީ 20 އަށް ވުރެ ޓީމުތައް އިތުރުވާނަމަ، ފުރުސަތު ލިބޭނީ ފުރަތަމަ ރަޖިސްޓްރޭޝަން ފުރިހަމަކޮށް ފައިސާ ދައްކާ 20 ޓީމަށެވެ.
މިއަހަރުގެ މަސްރޭހަށް ވެސް އުރީދޫން ވަނީ ބޮޑެތި ފައިސާގެ އިނާމުތަކެއް ހުށަހަޅާފަ އެވެ.
| ވަނަ / ކެޓަގަރީ | އިނާމުގެ އަދަދު |
| 1 ވަނަ ޓީމު | -/25,000 ރުފިޔާ |
| 2 ވަނަ ޓީމު | -/10,000 ރުފިޔާ |
| 3 ވަނަ ޓީމު | -/5,000 ރުފިޔާ |
| އެންމެ މޮޅު ފިރިހެން މަސްވެރިޔާ | -/1,000 ރުފިޔާ |
| އެންމެ މޮޅު އަންހެން މަސްވެރިޔާ | -/1,000 ރުފިޔާ |
| އެންމެ ބަރު މަސް ބޭނި މީހާ | -/1,000 ރުފިޔާ |
އުރީދޫ މަސްރޭހަކީ ދިވެހިންގެ މެދުގައި މަސްވެރިކަމަށް އޮންނަ ލޯބި ދިރުވައި، ޒުވާނުން މިކަމަށް ޝައުގުވެރިކުރުވުމުގެ އިތުރުން އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ރޫހު އާލާކުރުމަށް ސަރުކާރުގެ މުއައްސަސާތަކާއި، ޖަމްއިއްޔާތަކުގެ އިތުރުން އަމިއްލަ ފަރާތްތަކަށް ވެސް ހުޅުވާލައިގެން ބާއްވާ ވަރަށް ފޯރިގަދަ ހަރަކާތެކެވެ.