ނޯވޭގެ ފޯވާޑް އަލެކްސަންޑަރ ސޮރްލޮތް އަށް ވޯލްޑް ކަޕްގެ ކުއާޓަރ ފައިނަލްގައި އިންގްލެންޑް އަތުން ބަލިވެ އެ މުބާރާތުން ނޯވޭ ކެޓުމާ ގުޅިގެން އޮންލައިންކޮށް ގިނަ ފުރައްސާރަތަކަކާއި ބަހުގެ ހަމަލާތަކެއް އަމާޒުވެއްޖެއެވެ.
ނިހިރު ދުވަހު ކުޅުނު މެޗަށްފަހު އެމީހުންނަށް ލިބުނު ބައެއް ހުތުރު އަދި ބިރުވެރި މެސެޖުތައް، ސޮރްލޮތްގެ ބައިވެރިޔާ ލޭނާ ސެލްނެސް ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި ހިއްސާކޮށްފައެވެ. އޭގެ ތެރެއިން އެއް މެސެޖެއްގައި “އަމިއްލައަށް ***. ތިޔައީ މޮޔައެއް” ލިޔެފައިވާއިރު، އެހެން މެސެޖެއްގައި “ކަލޭ، އޭނާ ކައިރީ ބުނޭ ނޯވޭ ދޫކޮށް ގޮސް ފަރުބަދައަކުން ފުންމާލައިގެން މރވށ” އަދި ތިންވަނަ މެސެޖެއްގައި “އަހަރެން އޭނާ މރލނނ” މިފަދައިން ލިޔެފައިވެއެވެ.
ބެލެވޭ ގޮތުގައި އެތުލެޓިކޯ މެޑްރިޑަށް ކުޅޭ ސޮރްލޮތް އަށް މިފަދަ ހަމަލާތަކެއް އަމާޒުވީ، ނޯވޭ 1-0 އިން ކުރީގައި އޮއްވައި ލަނޑު ޖަހަން ލިބުނު ރަނގަޅު ފުރުސަތެއްގައި، މާ ރަނގަޅު މަގާމެއްގައި ހުރި އާލިންގް ހާލަންޑް އަށް ބޯޅަ ނުދީ އަމިއްލައަށް ޖަހަން އުޅުމުން އެ ފުރުސަތު ގެއްލުމާ ގުޅިގެންނެވެ.
“ވޯލްޑް ކަޕާއި ފުޓްބޯޅައަކީ އުފާވެރިކަން ގެނެސްދޭ އެއްޗެއް، އެކަމަކު މީގެ ސަބަބުން ވަރަށް ބޮޑަށް ނަފުރަތުވެސް އުފެދޭ. އަހަރެން މިކަމަށް މާ ބޮޑު ސަމާލުކަމެއް ދޭކަށް ބޭނުމެއް ނޫން، އެކަމަކު މި ކޮމެންޓްތައް ކިޔުމަށްފަހު މި ވާހަކަ ދައްކަން މަޖުބޫރުވީ،” ސެލްނެސް ބުންޏެވެ.