English Edition
Dhivehi Edition
ޢަބްދުﷲ ސާދިގު (ސޯބެ)

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސާދިގު (ސޯބެ) އައްޑޫ ބަހުރުވައިން ކުރެއްވި ސުވާލުތަކަށް، އިންފްރަސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ޖަވާބު ދެއްވީ ހުވަދޫ ބަހުރުވައިންނެވެ.

މިދިޔަ މަހު މަޖިލީހާ ގުޅިވަޑައިގެންނެވި ސާދިގަކީ އާންމުކޮށް މަޖިލީހުގެ ތަޅުމުގައި އައްޑޫ ބަހުރުވައިން ވާހަކަދައްކަވާ މެންބަރެކެވެ. މިއަދުގެ ޖަލްސާގައި އޭނާ ވަނީ އައްޑޫގެ ބޯފެނުގެ ނިޒާމަށް ދިމާވެފައިވާ މައްސަލަތަކާއި، ހިތަދޫގައި ހުއްޓިފައިވާ ހައުސިން ޔުނިޓުތަކުގެ މަސައްކަތް އަލުން ފެށޭނެ ތާރީހަކާ ބެހޭގޮތުން މިނިސްޓަރާ ސުވާލު ކުރައްވާފައެވެ.

ސާދިގު އައްޑޫ ބަހުން ސުވާލު ކުރެއްވުމުން، މިނިސްޓަރު މުއްތަލިބު ޖަވާބު ދެއްވަން ފެއްޓެވީ ހުވަދޫ ބަހުރުވައިންނެވެ. މިނިސްޓަރު ވިދާޅުވީ ފެނަކައާ ގުޅިގެން އައްޑޫގައި ކޮށްފައިވާ ފެނުގެ މަސައްކަތްތަކަކީ ކުރިން ސާދިގު ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު ހިނގާފައިވާ ކަންކަން ކަމަށާއި، އެހެންކަމުން މިހާރު ދިމާވެގެން އުޅޭ މައްސަލަތަކުގެ ކޮންމެވެސް ވަރެއްގެ ޒިންމާއެއް ސާދިގު ވެސް ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.

އިއްޒަތްތެރި މެމްބަރު މިނިސްޓަރުގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވިވޭލޭ މަގޭލު މަސައްކަތް ކުރިއަށް އޮޑައު. އެވޭލެ އެބައޮތޭ ފެނަކައިން ބޮނެފައި އެތާ ހޮޅި އޮޑެން ނުޖެހެންނޭ ކަމަށް. އެގޮތަށް މިނިސްޓްރީން ނިންމައިގެން ހޮޅި ނޯޑައި މަސައްކަތް ނިންމައިފަ އޮއްތޯ. އެންމާ ހީވެންނޫ މެންބަރުވެސް ކޮންމެވެސް ވަރަކަށް ޒިންމާ ނަގަންޖެހެންނެ ކަމެންހެން މި ކަމާކޫ.

ނަމަވެސް، ސަރުކާރުން މިހާރު އެންމެ ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަމުންދަނީ އައްޑޫގެ ފެނުގެ މައްސަލަ ވީހާވެސް އަވަހަކަށް ހައްލުކުރުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ ކުރިން ވެސް ސާދިގު މަޖިލީހުގައި ހެލްތު މިނިސްޓަރު ޑރ. ގީލާ އަލީއާ އައްޑޫ ބަހުން ސުވާލު ކުރެއްވުމުން، އެ ބަހުރުވަ ދޭހަވުމުގައި ދަތިތަކެއް ކުރިމަތިވެފައިވެއެވެ.