English Edition
Dhivehi Edition
ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހް ފޮޓޯ: ފަޔާޒު މޫސާ

ފުލުހުންގެ ހޯމިސައިޑް އެންޑް ޑެތު އިންވެސްޓިގޭޝަން ޔުނިޓުގެ އިސްވެރިޔާގެ މަގާމަށް ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ސާމިހް އަލުން އައްޔަންކޮށްފިއެވެ.

ސާމިހު ކުރިން މި މަގާމުން ދުރުކުރީ، މިދިޔަ އަހަރުގެ އޭޕްރިލް މަހު އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު، ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ހާދިސާގެ ތަހުގީގު ކުރިއަށްދިޔަ ގޮތާ މެދު އާންމުންނާއި އާއިލާގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވުމާ ގުޅިގެންނެވެ. އެ ހާދިސާއާ ގުޅިގެން ފުލުހުންގެ ތަހުގީގުގެ މިންގަނޑުތަކާ މެދު ސުވާލު އުފެދި، އޭނާ އޭރު ބަދަލުކުރެވުނީ ފުލުހުންގެ ތަހުގީގުތަކުގެ މިންގަނޑު ކަނޑައަޅާ ޑިޕާޓްމެންޓަށެވެ.

ޔުމްނުގެ މަރުގެ މައްސަލައިގައި ފުލުހުން ފުރަތަމަ ބުނެފައިވަނީ އެއީ އަމިއްލައަށް ދިމާވި ހާދިސާއެއް ކަމަށެވެ. ނަމަވެސް، ފުލުހުންގެ މައުލޫމާތުތަކަށް އިތުބާރު ނުކުރެވޭ ކަމަށް ބުނެ، އިންސާފު ހޯދުމަށް ގޮވާލާ ޒުވާނުންގެ ސިލްސިލާ މުޒާހަރާތަކެއް ކުރިއަށްދިޔައެވެ.