English Edition
Dhivehi Edition
ރައީސް ޑރ.މުހައްމަދު މުއިއްޒު / ފޮޓޯ: ރައީސް އޮފީސް

ގަތަރުގެ ކުރީގެ އަމީރު، ޝެއިހް ހަމަދު ބިން ހަލީފާ އާލް ތާނީ އަވަހާރަވުމާ ގުޅިގެން ބާއްވާ ރަސްމީ ހިތާމަފާޅުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ހެނދުނު އެ ގައުމަށް ފުރާވަޑައިގެންފިއެވެ.

މި ދަތުރުފުޅަކީ އެ ގައުމުގެ އަމީރު ޝެއިހް ތަމީމް ބިން ހަމަދު އާލް ތާނީއަށާއި، ޝާހީ އާއިލާއަށާއި ގަތަރުގެ ރައްޔިތުންނަށް ދިވެހި ރައްޔިތުންގެ ފަރާތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ތައުޒިޔާ ދެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ގަތަރުގައި ބާއްވާ ރަސްމީ ހިތާމަފާޅުކުރުމުގެ މި ރަސްމިއްޔާތުގައި ބައިވެރިވުމަށްޓަކައި ދުނިޔޭގެ ގިނަ ގައުމުތަކެއްގެ މަންދޫބުންނާއި އިސް ވެރިން އެ ގައުމަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ރައީސް މުއިއްޒުގެ މި ދަތުރުފުޅަކީ ރާއްޖެއާއި ގަތަރާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ހާމަކޮށްދޭ ދަތުރުފުޅެކެވެ.

އުމުރުފުޅުން 74 އަހަރުގައި އަވަހާރަވި ގަތަރުގެ ކުރީގެ އަމީރު ޝެއިހް ހަމަދު ބިން ހަލީފާ އާލް ތާނީއަކީ 1995 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާ ހަމައަށް އެ ގައުމުގެ ވެރިކަން ކުރެއްވި ބޭފުޅެކެވެ. އެ މަނިކުފާނު އަވަހާރަވި ހިތާމަވެރި ހަބަރު ގަތަރުގެ އަމީރުގެ ރަސްމީ އޮފީހުން ކަށަވަރުކޮށްދީފައިވަނީ ޖުލައި 12 ވަނަ ދުވަހުއެވެ.

މި ހިތާމަވެރި ހާދިސާއާ ގުޅިގެން ރައީސް މުއިއްޒު އިއްޔެ ފޮނުއްވި ތައުޒިޔާގެ މެސެޖުގައި ވިދާޅުވީ، ގަތަރުގެ ކުރީގެ އަމީރަކީ ދުރުވިސްނޭ ހިކުމަތްތެރި ލީޑަރެއް ކަމަށެވެ. އަދި އެ މަނިކުފާނަކީ ގަތަރުގެ ތަރައްގީއަށް ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ފަރާތެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

ޝެއިހް ހަމަދަކީ ގަތަރުގެ ޒަމާނީ ތަރައްގީގެ ބާނީގެ ގޮތުގައި ފާހަގަކުރެވޭ އިސްވާރެކެވެ. އެ މަނިކުފާނުގެ ވެރިކަމުގައި ގަތަރުގެ އިގުތިސާދީ އަދި ސަގާފީ ދުވެލި ވަރަށް ބޮޑަށް ހަލުވިވެގެންދިޔައެވެ. އެގޮތުން އެ ގައުމުގެ އުފެއްދުންތެރިކަން 24 ގުނަ އިތުރުވިިއިރު، ތެލާއި ގޭހުގެ ސިނާއަތުގެ ވިޔަފާރި އެތައް ގުނައަކަށް ފުޅާވެ، ގަތަރު އިންޓަނޭޝަނަލް ފެންވަރުގައި ކުރިއަރައިގެން ދިޔައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތައުޒިޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ ޝެއިހް ހަމަދު ބިން ހަލީފާ އާލް ތާނީއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކޮށްދެއްވުން އެދި ދުއާކުރައްވަމުންނެވެ.