ނާއިލްގެ މައިންބަފައިންގެ ދިރިއުޅުން ބިނާވެފައިވަނީ ހިތާމަޔާއި ވޭނުގެ މައްޗަށެވެ. ނާއިލްގެ މައިންބަފައިންގެ ކައިވެންޏަކީ ދެމީހުންގެ މެދުގައި އުފެދުނު ލޯބީގެ މައްޗަށް ބިނާވެފައިވާ ކައިވެންޏެއް ނޫނެވެ. އެއީ އާއިލާގެ ނިންމުމަކަށް، ވިޔަފާރި އާއި އަބުރާއި އިއްޒަތަށްޓަކައި ދެ އާއިލާއިންވެސް ކުރުވި މަޖުބޫރު ކައިވެންޏެކެވެ. ނަމަވެސް، ކައިވެންޏަށްފަހު ނާއިލްގެ މަންމަގެ ހިތުގައި ބައްޕައަށްޓަކައި ސާފު، ފުން ލޯތްބެއް އުފެދުނެވެ. ދިރިއުޅުމުގެ ހަގީގަތް ގަބޫލުކޮށް ފިރިމީހާއަށް ވަފާތެރިކަމާ ތެދުވެރިކަމާއެކު އުޅުމަށް ނާއިލްގެ މަންމަ ހަދީޖާ އަޒުމް ކަނޑައެޅިއެވެ. އޭނާ މުޅި ދިރިއުޅުން ގުރުބާންކުރީ ބައްޕަ ވާފިރުގެ އުފަލަށެވެ. އެ ހިތް ހޯދުމަށްޓަކައި ނުހަނު ކެތްތެރިކަމާއެކު އޯގާތެރިކަން ދިނެވެ. ދިގު އިންތިޒާރެއް ކުރިއެވެ. ވާފިރުގެ ފަހު ނޭވަޔާ ހަމައަށް ހޭހަންކުރިއެވެ.
ވާފިރުގެ ހިތް ވަނީ މާޒީގައި އޭނާ ލޯބިވި ކުރީގެ ލޯބިވެރިޔާ ނާއިލާއަށް ހުސްކުރެވިފައެވެ. އެ ހަނދާންތަކާ ދުރަށްދާން ވާފިރުއަށް ކުޑަވެސް ފުރުސަތެއް ނުލިބުނެވެ. އާއިލާގެ މަޖުބޫރުން ލޯބި ދޫކޮށްލަން ޖެހުމުން އޭނާގެ ހިތުގައި އުފެދުނު ރިހުމާއި ނުރުހުންތެރިކަން ދުވަހެއް ދުވަހަކަށް ބޮޑުވަމުންދިޔަ ނަމަވެސް އެ ކައިވެނި ދަމަހައްޓަން ވާފިރުވެސް މަސައްކަތްކުރިއެވެ. ވިޔަފާރީގެ ތެރެއަށް އޭނާގެ ހުރިހާ ވަގުތެއް ހުސްކޮށްލި ނަމަވެސް ހަދީޖާގެ އޯގާތެރިކަމުގެ ސަބަބުން ބައެއް ފަހަރު ހިތް ލިބެމުން ދިޔަ ފަދަ އިހްސާސެއް ކުރެވުނެވެ. އެހެންނަމަވެސް، ކަންތައްތައް މުޅިން ބަދަލުވެގެންދިޔައީ ހަދީޖާ ބަލިވެއިން ދުވަސްވަރުއެވެ.
އެ ދަނޑިވަޅާ ދިމާކޮށް ވާފިރުގެ ދިރިއުޅުމުގެ ތެރެއަށް އަނެއްކާވެސް އެނބުރި އައީ ނާއިލާއެވެ. އެހެންނަމަވެސް މިފަހަރު ނާއިލާ އެބުރި އައީ ވާފިރުގެ ބޭނުމުގައެއް ނޫނެވެ. ވާފިރުގެ އާއިލާގެ ކިބައިން ބަދަލު ހިފުމުގެ ބޭނުމުގައެވެ. އެތައް ޒަމާނަކަށްފަހު ކުރީގެ ލޯބިވެރިޔާ ފެނުމާއެކު، އޭނާއާއެކު އާ ދިރިއުޅުމެއް ފަށަން ވާފިރު ހިތް އެދުނެވެ. ނަމަވެސް، އާއިލާގެ އަބުރާ، ހަދީޖާ އިން ހާލަތުގެ ސަބަބުން އެކަން ކުރާނެ ހިތްވަރެއް ވާފިރަކަށް ނުލިބުނެވެ. ދެ އަންބަށް އިންނާކަށް ނާއިލާ އެއްބަހެއް ނުވިއެވެ. އަލަތު ދަރިފުޅަށް ބަލިވެއިން ހަދީޖާ ދޫކޮށްލެވޭކަމަށްވެސް ނެތެވެ. ވާފިރުގެ ހަޔާތުގައި ދިމާވި އެތައް މަޖުބޫރީތަކެއްގެ ސަބަބުން އަމިއްލަ ލޯބީގެ ހައްގުގައި ކޮޅަށް ތެދުވެ، ވަކާލާތު ކުރާނެ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. އެހެންނަމަވެސް ނާއިލާގެ ރޭވުންތެރިކަން ވަރަށް މޮޅެވެ. އަބަދު ވާފިރުގެ ކަންފަތް ދޮށުގައި ހަދީޖާގެ މަކަރުވެރިކަމުގެ ވާހަކަދައްކަމުން ދިޔައެވެ. އެ ހުރިހާ ކަމެއްގެ ފަހަތުގައިވަނީ ހަދީޖާކަމުގައި ވިސްނައިދިނެވެ.
އެހާ ހިސާބުން ވާފިރަށް، ހަދީޖާގެ ސާފު ލޯތްބާއި އަޅާލުން ވީ ބޮޑު ވޭނަކަށެވެ. ހަދީޖާގެ ކޮންމެ އޯގާތެރި އަމަލަކުން އޭނާއަށް ހަނދާންކޮށްދެނީ އޭނާ ބޭނުންވި ހަގީގީ ދިރިއުޅުން ގެއްލިއްޖެކަމެވެ. އެ ފޫހިކަމާއި މާޔޫސްކަން މަޑުމަޑުން ނުރުހުމަށް ބަދަލުވެ، އެންމެ ފަހުން ކޮންޓްރޯލުން ނެއްޓި ރުޅިވެރިކަމަށް ބަދަލުވިއެވެ. އޭނާގެ ހިތުގައި އުފެދުނު ހުރިހާ ރުޅިއަކާއި މާޔޫސްކަމެއް ބާލަން ފެށީ ހަދީޖާގެ ބޮލަށެވެ. ފުރަތަމަ ދެބަސްވުންތަކާއި ހަޅޭކުގެ އަޑުން ފެށުނު މި ނުރައްކާތެރި ސިލްސިލާ، ދުވަސްތައް ފާއިތުވަމުންދިޔަ ވަރަކަށް ބަދަލުވެގެންދިޔައީ ބިރުވެރި ޖިސްމާނީ އަނިޔާވެރިކަމަކަށެވެ. ނާއިލްއަށް އެއް އަހަރުވީތަނާ ވާފިރު، ނާއިލާ އާއި ކައިވެނިކޮށްފިއެވެ. ހަދީޖާ ރޮއި އާދޭސްކުރަމުން ދިޔައީ އޭނާ އާއި ދަރިފުޅު ދޫކޮށްނުލުމަށެވެ. އަމިއްލަ އިހުސާސްތައް ފިއްތާލައިގެން، ބޭރުފުށުން އާއިލާގެ އަބުރު ހިފަހައްޓަން އުޅުމުގެ ނަތީޖާއަކަށްވީ، ވާފިރުގެ ނަފްސާނީ ދުޅަހެޔޮކަން މަޑުމަޑުން އަތުން ދޫވާން ފެށުމެވެ. އޭނާ ހަދީޖާ ވަރިކޮށް ނުލައެވެ. އެހެންނަމަވެސް ހަދީޖާއަށް ދޭންޖެހޭ އެއްވެސް ހައްގެއް ނުދެއެވެ. ނާއިލަށް ދޭންވާ ލޯތްބެއް ނުދެއެވެ.
ދުވަސްތައް މާޒީވަމުން ގޮސް އެންމެ ފަހުން ނާއިލާގެ އަސްލު ސޫރަ ދައްކާލިއެވެ. ވަރުގަދަ މޮޅު ރޭވުމަކަށްފަހު ހުރިހާ ފައިސާއާއި މުދަލެއް އޭނާގެ އަމިއްލަ ނަން މައްޗަށް ބަދަލުކޮށްލިއެވެ. ވާފިރަށް ދައްކަމުން އައި ލޯބީގެ ދަޅަތައް ނަފްރަތާ ނުރުހުމަށް ބަދަލުވެ އެންމެ ފަހުން ވާފިރު ގެއިން ނެރެލިއެވެ. އަނެއްކާވެސް އޭނާ އެބުރި ދާންޖެހުނީ ހަދީޖާ ކައިރިއަށެވެ. ހުސްއަތާ ހަދީޖާގެ ކުރިމައްޗަށް ދިޔަ ވާފިރުގެ އެތެރެހަށީގައި އުފެދުނު ހިތްދަތިކަމާއި، ކުށްވެރިކަމުގެ އިހުސާސާއި، ފުން މާޔޫސްކަމުގެ ސަބަބުން އެންމެ ފަހުން އޭނާ އިންތިހާއަށް ބޮޑު ޑިޕްރެޝަންގެ ތެރެއަށް ވެއްޓި، އޭގެ އެންމެ ނުރައްކާތެރި ހާލަތަށް ދިޔައެވެ.
ނާއިލް ބޮޑުވަމުން އައި އިރު ލިބުނީ ބައްޕަގެ ލޯތްބެއް ނޫނެވެ. ފެނުނީ ބިރުވެރި ސޫރައެއްގައި އުޅުނު ފިރިހެނެކެވެ. ބައެއް ފަހަރު އަމިއްލައަށް ވާހަކަދައްކާނެއެވެ. ބައެއް ފަހަރު ރޯން ހުންނަ މަންޒަރުވެސް ފެނެއެވެ. އަދި އެންމެ ބިރުވެރި ވަގުތުތަކުގައި ހަދީޖާއަށް ކުރަމުން ދިޔަ އަނިޔާތައްވެސް ނާއިލަށް ފެނުނެވެ. ބައެއް ފަހަރު އެ އަނިޔާ އާއި ނުރުހުމުގެ ޝިކާރަކަށް ނާއިލްވެސް ވެގެން ދެއެވެ. ނާއިލް އަށް އެހެން ކުދިންގެ މަލާމާތާއި ފުރައްސާރަ އާއި ކުރިމަތިވިއިރު ވާފިރުގެ އަނދިރި މާޒީގެ ސަބަބުން، ހަދީޖާގެ މުޅި ދިރިއުޅުން ބިރުވެރިކަމާއި ހިތާމައިގެ ތެރެއަށް ހުސްވިއެވެ. އަދި އެންމެ ފަހުން، ވާފިރުގެ އަމިއްލަ ނަފްސުވެސް އެކަމުގެ ތެރޭގައި ހަލާކުވެދިޔައީއެވެ.
(ނުނިމޭ)