ވިއްސާރަ ރެއެކެވެ. ކޮޓަރީގެ ކުޑަދޮރުން ފެންނަމުންދިޔަ ކަޅުކަންގަދަ އުޑުމައްޗާ، ބޯކޮށް އޮއްސަމުންދިޔަ ވާރޭގެ އަޑުން މުޅި މާހައުލުގެ ހަމަހިމޭންކަން ވަނީ ނަގާލާފައެވެ. ވިދާލާވިދުވަރާއެކު އިވޭ ބާރު ގުގުރީގެ އަޑުން މުޅި ސަރަހައްދަށް ބިރުވެރިކަމާ ނާމާންކަން ވެރިވެގެން ދެއެވެ. އެކަމަކު ބޭރުގައި ހިނގަމުން ދިޔަ ތޫފާނަށްވުރެ އައިޝާގެ ހިތުގައި ހިނގަމުންދިޔަ ތޫފާން އެއަށްވުރެ މާ ބާރެވެ.
އައިޝާއަކީ ދިރިއުޅުމުގެ ކޮންމެ ކަމަކަށް ފޮނި އުންމީދުތަކެއް ކުރަމުންދިޔަ، ހިނިތުންވުމުން ފުރިގެންވީ ޒުވާން އަންހެންކުއްޖެކެވެ. ނަމަވެސް އޭނާގެ ހިތް ހުއްޓުނީ މުޅިން ތަފާތު އިންސާނަކަށެވެ. އެއީ ނާއިލްއެވެ. ނާއިލްއަކީ އައިޝާ މަސައްކަތްކުރާ އޮފީހާ އަލަށް ގުޅުނު މުވައްޒަފެކެވެ. އޮފީހުގެ އެހެން މީހުންނާ ހިލާފަށް ނާއިލްގެ ފުށުން ފެންނަނީ މަޑުމައިތިރިކަމާއި އެކަހެރިކަމެވެ. އޭނާގެ ދެލޮލުން ފެންނަން ހުންނަ ފުން މާޔޫސްކަމާއި، މޫނުމަތިން ފާޅުވާ ރިހުން އައިޝާގެ ސަމާލުކަން ހޯދިއެވެ.
ނާއިލްއަކީ ނަފްސާނީ މައްސަލަތަކާއި ހަނގުރާމަކުރަމުންދާ މީހެއްކަން އެނގެން އައިޝާއަށް މާގިނަ ދުވަހެއް ނުނެގިއެވެ. އެހެން މީހުން ނާއިލްއާ ދުރުހެލިވިއެވެ. އޭނާއަކީ “ބޯހަރު” ނުވަތަ “ފޫހި” މީހެއްގެ ގޮތުގައި ސިފަކުރިއެވެ. ނަމަވެސް އައިޝާގެ ހިތުގައި އުފެދުނީ ހަމްދަރުދީއެވެ. އެ ހަމްދަރުދީ މަޑުމަޑުން ކުލުނަށާއި، ލޯތްބަށް ބަދަލުވާން ފެށިއެވެ.ކޮންމެ ދުވަހަކުވެސް އައިޝާ މަސައްކަތް ކުރީ ނާއިލްގެ ހިތްހަމަޖައްސައިދެވޭތޯއެވެ.
ކޮންމެ ދުވަހަކު ހެނދުނު އޮފީހަށް އައިސް ނާއިލްއަށް ހޫނު ކޮފީއެއް ހަދައިދެއެވެ. ނާއިލްގެ ހާލު އޮޅުންފިލުވައެވެ. ދުވަހުގެ ޝެޑިއުލްއާއި ބެހޭ ގޮތުން ސުވާލުކުރެއެވެ. އައިޝާއަށް ނާއިލްގެ ސަމާލުކަން ހޯދުމަކީ އުނދަގޫ މަސައްކަތަކަށްވީ ނަމަވެސް އޭނާ އުއްމީދު ކަނޑައެއް ނުލެއެވެ. ފުރަތަމަ ކޮޅު ނާއިލްގެ ފަރާތުން ފެނުނީ ފަރުވާކުޑަކަމެވެ. އޭނާ ބޭނުންވީ އެކަނިވެރިކަމެވެ. އޭނާ ގަބޫލުކުރީ އޭނާގެ ކަޅު އަނދިރި ދުނިޔެއަށް އެހެން މީހަކު ވައްދައިފިނަމަ، އެމީހެއްގެ ދިރިއުޅުންވެސް ހަލާކުވެދާނެ ކަމަށެވެ. “އައިޝާ، އަހަރެންގެ ކައިރިއަށް ނާދޭ. އަހަރެންގެ މި ދިރިއުޅުމުގައި އުފާވެރިކަމެއް ނެތް. އަހަންނަށް އައިޝާ ބޭނުންވާ އެއްވެސް ކަމެއް ކޮށްނުދެވޭނެ” އެއްދުވަހަކު ނާއިލް މަޑުމަޑުން ބުންޏެވެ. ނަމަވެސް އައިޝާ އުންމީދު ކަނޑައެއް ނުލައެވެ. އޭނާ ނާއިލްގެ އަތުގައި ހިފާލަމުން ބުންޏެވެ. “ނާއިލް، އަހަރެން ބޭނުމެއް ނޫން ނާއިލްގެ ހުރިހާ ދެރައެއް އެއްދުވަހުން ފިލުވައިދޭކަށް. އެކަމަކު އަހަރެން ބޭނުންވަނީ ތި އަނދިރިކަމުގެ ތެރޭގައި ނާއިލްއާއެކު އަތްގުޅާލައިގެން ހުންނަން. ނާއިލްއަކީ ތި އެކަނިވެރިކަން ދުރުކޮށްދޭން. މިކަންވާނީ ނާއިލްވެސް މަސައްކަތްކޮށްގެން”
އައިޝާގެ މި ކެތްތެރިކަމާއި، ސާފު ލޯބީގެ ސަބަބުން ނާއިލްގެ ހިތް މަޑުމަޑުން ހުޅުވެން ފެށިއެވެ. އޭނާގެ ހިތުގައިވާ ރިހުންތަކާއި، ނިދި ނައަންނަ ރޭތަކުގެ ވާހަކަ އައިޝާއަށް ހިއްސާކުރަން ފެށިއެވެ. އައިޝާވީ ނާއިލްގެ ވާހަކަތައް ކުށްވެރިނުކޮށް، އަޑުއަހައިދިން ހަމައެކަނި ސާފު ކަންފަތަށެވެ. ޑިޕްރެޝަނަކީ އެއްދުވަހުން އަނެއްދުވަހަށް ފިލައިގެންދާ އެއްޗެއް ނޫނެވެ. ބައެއް ދުވަސްދުވަހު ނާއިލް މާބޮޑަށް ދެރަވެ، ވާހަކަނުދައްކާ ހުރެއެވެ. އެފަދަ ހާލަތްތަކުގައިވެސް އައިޝާ އޭނާއަށް މަޖުބޫރެއް ނުކުރެއެވެ. ހަމައެކަނި އޭނާގެ ގާތުގައި އިނދެ، އެކަނިވެރިނޫންކަން އިހުސާސްކޮށްދެއެވެ. އެކި ފަހަރު މަތިން ނަފްސާނީ އެހީތެރިކަން ހޯދުމަށް ނާއިލްއަށް ހިތްވަރުދިނީވެސް އައިޝާއެވެ.
ދުވަސްތައް ފާއިތުވަމުންދިޔައެވެ. ނާއިލްގެ މޫނުމަތިން މަދުން ނަމަވެސް ހިނިތުންވުން ފެންނަން ފެށިއެވެ. އެއީ މުޅިން ބަލިން ފަސޭހަވުން ނޫންކަމަށްވިޔަސް، އޭނާގެ އަނދިރި ދުނިޔެއަށް އަލިކަމެއް ލިބެން ފެށިކަމުގެ ހެއްކެކެވެ. އެއްދުވަހެއްގެ ހަވީރު، މޫދު ކައިރީގައި ތިއްބާ ނާއިލް އައިޝާގެ މޫނަށް ބަލާލިއެވެ. އެއީ އައިޝާއަށް ނާއިލްގެ ދެލޮލުން ފުރަތަމަ ފަހަރަށް އުންމީދުގެ ހުޅުކޮޅެއް ފެނުނު ދުވަހެވެ. “އައިޝާ. އަހަރެން ހީކުރީ އަހަރެންގެ ހިތަކީ މަރުވެފައިވާ އެއްޗެއް ކަމަށް. އެކަމަކު އައިޝާގެ ލޯބިން އަހަރެންގެ ހިތަށް ދިރުންދީފި. އަހަރެން ދިރިއުޅެން ބޭނުންވާ ސަބަބަކީ ތިއީ. އަހަރެން ބޭނުންވަނީ އައިޝާ އާއި ކައިވެނިކުރަން” ނާއިލް ބުންޏެވެ.
އައިޝާގެ ލޮލުން އުފާވެރިކަމުގެ ކަރުނަ ހިލިގަތެވެ. އޭނާއަށް އެނގެއެވެ، ކުރިއަށް އޮތް މަގަކީ ފަސޭހަ މަގެއް ނޫނެވެ. ނަމަވެސް، ތެދުވެރި ލޯތްބާއި ކެތްތެރިކަމުން ކޮންމެ ފަދަ އަނދިރިކަމެއްވެސް ފިލުވާލެވިދާނެކަން މިއަދު އޭނާއަށް ސާބިތުވެއްޖެއެވެ. (ނުނިމޭ)