ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓުކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން އެންމެ މަތީ ދަރަޖައަކަށް ހިންގުމުގެ އުސޫލުތަކަށް ތަބާވެފައިވާ ކުންފުންޏަކަށް ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ހޮވިއްޖެއެވެ. އެސްޓީއޯ މި ކާމިޔާބީ ހޯދާފައިވަނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން އެކުލަވާލި “ކޯޕަރޭޓް ގަވަނަންސް ރިވިއު” ގައެވެ. މި އެސެސްމަންޓުގައި އެސްޓީއޯއިން ވަނީ ކޯޕަރޭޓް ގަވަނަންސް ކޯޑަށް 97.5 ޕަސަންޓު އަމަލުކޮށްގެން އެއްވަނަ ހޯދާފައެވެ.
ސީއެމްޑީއޭއިން ބެލި ލިސްޓެޑް އަށް ކުންފުނީގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި އޮޑިޓްކޮށްފައިވާ މާލީ ބަޔާންތަކުގެ މައްޗަށް ބިނާކޮށް ނެރުނު މި ރިޕޯޓުގައިވާ ގޮތުން، އެ ކުންފުނިތަކުގެ ޖުމްލަ އެވްރެޖަކީ 92.9 ޕަސަންޓެވެ. މިއީ 2023 ވަނަ އަހަރުގެ 86 ޕަސަންޓާއި 2024 ވަނަ އަހަރުގެ 88 ޕަސަންޓާ އަޅާބަލާއިރު ބޮޑު ކުރިއެރުމެކެވެ. ނަމަވެސް، އެސެސްކުރި ކުންފުނިތަކުގެ އަދަދު މަދުވެފައިވާތީ އަހަރުތަކުގެ އަޅާކިޔުންތަކަށް ސަމާލުވާންޖެހޭ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
އެސްޓީއޯއިން މި ކާމިޔާބީ ހޯދާފައިވަނީ ޑިރެކްޓަރުން ތަމްރީނުކުރުމާއި، އެތެރޭގެ އޮޑިޓް ނިޒާމު ހަރުދަނާކުރުމުގެ އިތުރުން އޮޑިޓް ޕާޓްނަރުން ބަދަލުކުރުމުގެ މައުލޫމާތު ހާމަކުރުމުގައި ހޯދި ކުރިއެރުންތަކާ ގުޅިގެންނެވެ. އެގޮތުން، ވޭތުވެދިޔަ އަހަރު ޑިރެކްޓަރުންގެ ތަމްރީނަށް 1.03 މިލިއަން ރުފިޔާ ހަރަދުކޮށް، އަށް ޕްރޮގްރާމެއް ފުރިހަމަކޮށްފައިވާކަން އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ. އަދި އޮޑިޓްގެ މިނިވަންކަން ދެމެހެއްޓުމަށްޓަކައި އެސްޓީއޯގެ ޗީފް އޮޑިޓް އެގްޒެކެޓިވް މަސައްކަތުގެ ގޮތުން އޮޑިޓް އެންޑް ރިސްކް ކޮމިޓީގެ ޗެއާޕާސަނަށް އަދި އިދާރީ ގޮތުން ޗީފް އެގްޒެކެޓިވަށް ރިޕޯޓްކުރާ ގޮތަށް އޮންނަ އޮނިގަނޑު ވެސް ސީއެމްޑީއޭއިން ވަނީ ފާހަގަކޮށްފައެވެ.
ހަމައެއާއެކު، އިންޓަނޭޝަނަލް މިންގަނޑުތަކާ އެއްގޮތަށް ދެމެހެއްޓެނިވި ތަރައްގީގެ މައުލޫމާތުތައް ނުވަތަ ސަސްޓެއިނަބިލިޓީ ޑިސްކްލޯޝާސް ހާމަކުރި ދެ ކުންފުނީގެ ތެރޭގައި އެސްޓީއޯ ހިމެނިފައިވެއެވެ. މިއީ 2026 ވަނަ އަހަރުން ފެށިގެން އަމަލުކުރަން ހަމަޖެހިފައިވާ ރާއްޖޭގެ ސަސްޓެއިނަބިލިޓީ ރިޕޯޓިން ފްރޭމްވޯކަށް ތައްޔާރުވުމުގެ ގޮތުން އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ވަނީ ބަލައިގެންފައެވެ.
އެސްޓީއޯއިން ބޮޑު ކުރިއެރުމެއް ހޯދި ނަމަވެސް، ރަނގަޅުކުރަންޖެހޭ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ އެ ކުންފުނީގެ އޮޑިޓް ކޮމިޓީގައި އެކައުންޓިން ނުވަތަ މާލީ ދާއިރާގެ ތަޖުރިބާކާރު މަދުވެގެން ދެ މެންބަރުން ތިބެންޖެހޭނެ ކަމަށް ކޯޑުގައި ބަޔާންކުރާ ޝަރުތު ހަމަނުވުމެވެ. މުޅި މާކެޓަށް ބަލާއިރު ވެސް އެންމެ ދަށްކޮށް ކޮމްޕްލައި ކުރެވިފައިވަނީ އޮޑިޓާއި އެތެރޭގެ ކޮންޓްރޯލްތަކުގެ ދާއިރާއިން ކަމަށްވާއިރު، އެއީ 86.8 ޕަސަންޓެވެ. ސީއެމްޑީއޭއިން ބުނީ މި ރިވިއުގެ މައިގަނޑު މަގުސަދަކީ ކުންފުނިތަކުގެ ހިންގުން ހާމަކަން ބޮޑު، ޒިންމާދާރު އަދި އިންވެސްޓަރުންގެ އިތުބާރު ބޮޑު ނިޒާމަކަށް ހެދުމަށް ބާރުއެޅުން ކަމަށެވެ.