އިތުރު އާ ޓެކްސްތަކެއް ތައާރަފުކުރުމުގެ ބަދަލުގައި، ސަރުކާރުގެ މައިގަނޑު އަމާޒަކީ ޓެކްސް ލީކޭޖްތައް ބައްދައި ދައުލަތަށް ލިބެންޖެހޭ އާމްދަނީ ކަށަވަރުކުރުން ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ ސަރުކާރުން ކުރިއަށްގެންދާ “އަހާ” ފޯރަމްގައި، އިތުރު ޓެކްސްތަކެއް ނެގުމަށް ސަރުކާރުން ވިސްނަމުންދޭތޯ އާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ މިހާރުގެ ވިސްނުން ހުރީ ދައުލަތުގެ ޓެކްސް ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ކަމަށެވެ. އެގޮތުން އާ ޓެކްސްތަކެއް ނެގުމުގެ ވިސްނުމެއް ނެތް ކަމަށާއި، މިހާރު މަސައްކަތް ކުރަމުންދަނީ ނިޒާމުގެ ތެރޭގައި ހުރި އެކި ލޫޕްހޯލްތައް ބައްދައި މަސައްކަތްތައް އެފިޝިއެންޓް ކުރުމަށް ކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ޓެކްސް އެޑްމިނިސްޓްރޭޝަން ގާނޫނަށް ގެނެވުނު އިސްލާހުތަކާއެކު އިދާރީ ކަންކަން ހަރުދަނާކުރުމުގެ މަސައްކަތްވެސް ފަހުން ކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، 2024 ވަނަ އަހަރުގެ ތެރޭގައި ޓެކްސް ގާނޫނުތަކަށް ބަދަލުތަކެއް ގެނެވި ބައެއް ރޭޓްތަކަށް ބަދަލު އައިސްފައިވީ ނަމަވެސް، މިހާރު އިސްކަންދެނީ ޓެކްސް ލީކޭޖްތައް ހައްލުކުރުމަށް ބޭނުންވާ ޒަމާނީ ސިސްޓަމްތައް ތަންފީޒުކުރުމަށް ކަމަށެވެ. އެގޮތުން ވޭތުވެދިޔަ ދެ ހަފުތާގެ ތެރޭގައި “މޯލްޑިވްސް ގެސްޓް އިންފޮމޭޝަން ސިސްޓަމް” ތައާރަފުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
“މިހާރު އަޅުގަނޑުމެން ބޮޑަށް މި ބަލަނީ ޓެކްސްގެ ހުރި ލޫޕްހޯލްސްތައް ބައްދައި އަދި ޓެކްސް ސިސްޓަމް އެފިޝިއެންޓް ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ޓެކްސްގެ ސިސްޓަމްސްތައް އިމްޕްލިމެންޓްކުރުން،” މިނިސްޓަރު ވިދާޅުވިއެވެ.
އާ ސިސްޓަމާ ގުޅޭގޮތުން ތަފްސީލު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖެއަށް ޓޫރިސްޓަކު އައިސް އިމިގްރޭޝަން ހުރަސްކުރާ ހިސާބުން ފެށިގެން އެތެރެވިކަން އެނގޭނެ ކަމަށާއި، އެކޮމޮޑޭޝަން ފެސިލިޓީއަކަށް ގޮސް ޗެކިން ވުމުން އެކަންވެސް ވަގުތުން ދެނެގަނެވޭނެ ކަމަށެވެ. އަދި މިފަދަ ޒަމާނީ ނިޒާމުތައް މެދުވެރިކޮށް، ޓެކްސް އާމްދަނީ ގެއްލިގެންދާ ދޮރުތައް ބަންދުކޮށް ދައުލަތަށް ލިބެންޖެހޭ ފައިސާ ކަށަވަރުކުރުމަކީ މިވަގުތުގެ އެންމެ ބޮޑު އަމާޒު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.