ޝިވާންގީ ޖޯޝީއާ ރައްޓެހިވެގެން އުޅެމުންވެސް ކުޝާލް ޓަންޑަން އޭނާއާ ފްލާރޓްކުރިކަމަށް ޝްރެޔާ ކަލްރާ ބުނެފިއެވެ. ޝްރެޔާ ކަލްރާ ‘ލޮކް އަޕް 2’ ޝޯގައި ހާމަކުރި ގޮތުގައި، ކުޝާލް ޓަންޑަން ޝިވާންގީ ޖޯޝީއާ ރައްޓެހިވެގެން އުޅުނު ނަމަވެސް، މެސެޖު މެދުވެރިކޮށް އޭނާއާ ފްލާރޓްކުރަމުން ދިޔައެވެ.
ޝިލްޕާ ޝިންޑޭއާ ވާހަކަ ދައްކަމުން ޝްރެޔާ ކަލްރާ ހާމަކުރި ގޮތުގައި، އޭނާ ވަނީ ކުޝާލްއާއެކު ‘ބަރްސާތޭން’ ގެ ޕްރޮމޯޝަނަލް ވީޑިއޯއެއް ކުޅެފައެވެ. އަދި ޝޫޓިން ނިމުމުން ކުޝާލް އޭނާއަށް އިންސްޓަގްރާމުން މެސެޖު ކުރަން ފެށިކަމަށާއި އެ ދުވަސްވަރު އޭނާ އުޅުނީ މީހަކާ ރައްޓެހިވެގެން ކަމަށް ޝްރެޔާ ވަނީ ބުނެފައެވެ. “ކުޝާލް އާއި ޝިވާންގީއާ ދެމެދުވެސް ކަމެއް ހިނގަމުންދިޔަ. އަހަންނަށް އެކަމެއް ނޭނގޭ. ދެން ކުޝާލް އަހަންނާ ވާހަކަ ދައްކަން ފެށި، އެކަމަކު އޭނާއާއި ޝިވާންގީގެ ވާހަކަ އަހަންނަށް ކޮންމެވެސް ވަރަކަށް އެނގުމުން، އަހަރެން ވާހަކަ ދެއްކުން ހުއްޓާލިން.” ޝްރެޔާ ބުންޏެވެ.
ޝްރެޔާ އިތުރަށް ބުނި ގޮތުގައި، ފަހުން ޝޯގެ ސެޓުން ޝިވާންގީއާ ދިމާވުމުން، ސޯޝަލް މީޑިއާގައި ކުޝާލްއަށް ފުރަތަމަ މެސެޖުކޮށް ފޮލޯކުރީ ޝްރެޔާ ކަމަށް ބުނެ ކުޝާލް ދައްކާފައިވާ ވާހަކަތައް އެނގުނު ކަމަށެވެ. “އަހަރެން ދުވަހަކުވެސް އެއްވެސް ފިރިހެނަކާ ފުރަތަމަ ވާހަކަ ދައްކާކަށް ނޫޅެން. އަހަރެންގެ މުޅި ހަޔާތުގައިވެސް ދުވަހަކުވެސް އެފަދަ ކަމެއް ނުކުރަން.” ޝިވާންގީގެ ވާހަކަތައް އިވުމުން އެންމެ ފުރަތަމަވެސް ދިން ޖަވާބު ހިއްސާކުރަމުން ޝްރެޔާ ބުނީ އޭނާ ފޯނު ޝިވާންގީގެ އަތަށް ދިން ކަމަށާއި އޭނާ މުޅި ޗެޓް ބެލިކަމަށެވެ. އަދި އޭގެ ތިނެއް ނުވަތަ ފަސް މަސް ފަހުން، ކުޝާލް އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ޝިވާންގީއާ ރުޅިވިކަން އިއުލާންކުރި ކަމަށްވެސް އޭނާ ބުންޏެވެ. ނަމަވެސް، ކުޝާލް އަދި ޝިވާންގީވެސް ޝްރެޔާގެ މި ވާހަކަތަކަށް ރަސްމީކޮށް އެއްވެސް ރައްދެއް ދީފައެއް ނުވެއެވެ