English Edition
Dhivehi Edition
އިހަވަންދިއްޕޮޅުގައި ތަރައްގީކުރާ 'މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް' މަޝްރޫ. ފޮޓޯ/އިކޮނޮމިކް މިނިސްޓްރީ

ރާއްޖޭގެ އެންމެ އުތުރުގެ އަތޮޅުތަކުގައި އިގްތިސާދީ ބޮޑު ހަބެއް ތަރައްގީކުރުމަށް އަބޫ ދާބީގެ ސާހް ގްރޫޕާއި އެސްޓީއޯ އަދި ދިވެހި ސަރުކާރާ ދެމެދު މިއަދު ރަސްމީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އިހަވަންދިއްޕޮޅުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ‘މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ އެންޑް އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް’ މަޝްރޫއުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. މީގެ އިތުރުން އެސްޓީއޯގެ ފަރާތުން މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ޝިމާދު އިބްރާހިމް ސޮއިކުރެއްވިއިރު، ސާހް ގްރޫޕުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޕޯޓް އެންޑް އިންޑަސްޓްރިއަލް ސިޓީ ޑިވެލޮޕްމަންޓްގެ ސީއީއޯ އަހްމަދު އިބްރާހިމް އަލީ މުހައްމަދު އަލްމުތާވާއެވެ.

މި ބިޔަ މަޝްރޫއުގެ ދަށުން އިހަވަންދިއްޕޮޅުގައި އިންޓަނޭޝަނަލް ފެންވަރުގެ ވިޔަފާރި ބަނދަރެއް ހެދުމާއެކު، މެރިޓައިމް އަދި ސިނާއީ މަސައްކަތްތަކަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ގާއިމްކުރާނެއެވެ. އަދި ޓޫރިޒަމާއި އެހެނިހެން ހިދުމަތްތައް ވެސް ހިމެނޭހެން މުޅި ސަރަހައްދު ތަރައްގީކުރުމަށް ވަނީ ރޭވިފައެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި، މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އެންމެ އުތުރުގެ އަތޮޅުތަކުގައި އިގްތިސާދީ ހަރަކާތްތައް ފުޅާވެ، ސަރަހައްދީ އަދި އިންޓަނޭޝަނަލް ވިޔަފާރީގެ ވިއުގައިގައި ރާއްޖޭގެ ދައުރު އިތުރަށް ވަރުގަދަވެގެންދާނެއެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ އަދި ފުރަތަމަ ރިޔާސީ ބަޔާނުގައި ވެސް އިއުލާންކުރައްވާފައިވާ ވައުދެކެވެ. އަދި ‘ވިޝަން 2040’ ގެ ދުރު ރާސްތާ އިގްތިސާދީ ތަސައްވުރުގެ ދަށުން ރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރުމަށް އެޅޭ މުހިންމު ބިންގަލެއް ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ.