English Edition
Dhivehi Edition

ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގައި ރޭ ކުޅުނު ފޯރިގަދަ މެޗުން ބެލްޖިއަމް އަތުން 1-4 ގެ ނަތީޖާއަކުން ބަލިވެ، މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ އެމެރިކާ މުބާރާތުން ވަކިވާން ޖެހިއްޖެއެވެ. މިއާއެކު މިފަހަރުގެ ވޯލްޑް ކަޕް ހޯސްޓްކުރާ ހުރިހާ ގައުމެއް ވެސް މިވަނީ މުބާރާތުން ކަޓާފައެވެ.

މެޗުގެ 9 ވަނަ މިނެޓުގައި ބެލްޖިއަމްގެ ފޯވަޑް ޗާލްސް ޑި ކަޓަލާރާ ވަނީ ލަނޑެއް ޖަހައި އެޓީމަށް ލީޑު ނަގައިދީފައެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން އެމެރިކާގެ މަލީކް ޓިލްމަން ލިބުނު ހިލޭ ޖެހުމަކުން ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަ ކުރިއެވެ. ނަމަވެސް، އޭގެ އިރުކޮޅެއް ފަހުން ޑި ކަޓަލާރާ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި އަލުން ބެލްޖިއަމްއަށް ލީޑު ހޯދައިދީފައެވެ. ދެވަނަ ހާފްގެ ކުރީ ކޮޅުގައި އެމެރިކާގެ ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ބެލްޖިއަމްއިން ވަނީ ސްކޯ 1-3 އަށް ބަދަލުކޮށްފައެވެ.

މެޗުގެ ފަހު މިނެޓުގައި ބެލްޖިއަމްގެ ރޮމެލޫ ލުކާކޫ ޖެހި ލަނޑަށްފަހު، އެޓީމުގެ ކުޅުންތެރިން ވަނީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ނަށާ ގޮތަށް ނަށައި އުފާފާޅުކޮށްފައެވެ.

މި މޮޅާއެކު ބެލްޖިއަމް ވަނީ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ. ކުއާޓާ ފައިނަލްގައި ބެލްޖިއަމް ބައްދަލުކުރަން ޖެހޭނީ ވަރުގަދަ ސްޕެއިންއާއެވެ.