English Edition
Dhivehi Edition
ATLANTA, GEORGIA - JULY 07: Lionel Messi #10 of Argentina celebrates scoring his team's second goal during the FIFA World Cup 2026 Round of 16 match between Argentina and Egypt at Atlanta Stadium on July 07, 2026 in Atlanta, Georgia. (Photo by Elsa/Getty Images)

ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 16 ބުރުގައި މިސްރުން ދެ ލަނޑުގެ ލީޑެއް ނަގާފައިވަނިކޮށް، ފަހަތުންއަރާ 3-2 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށް އެންމެފަހުގެ ޗެމްޕިއަން އާޖެންޓީނާއިން މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

އެމެރިކާގެ އެޓްލާންޓާ ސްޓޭޑިއަމްގައި ކުޅުނު މި ފޯރިގަދަ މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔައެވެ. މެޗުގެ 15 ވަނަ މިނެޓުގައި މަރްވާން އަތިއާ ތަނަވަސްކޮށްދިން ފުރުސަތަކުން މިސްރަށް ލީޑު ނަގައިދިނީ ޔާސިރް އިބްރާހީމެވެ. މިސްރުން ގޯލު ޖެހިތާ ހަތަރު މިނެޓް ފަހުން އާޖެންޓީނާއަށް ލިބުނު ޕެނަލްޓީ، ކެޕްޓަން ލިއޮނަލް މެސީ ފޮނުވާލުމުން މިސްރުގެ ކީޕަރު މުސްތަފާ ޝުބީރް ވަނީ ހުޝިޔާރުކަމާއެކު ދިފާޢުކޮށްފައެވެ. އަދި މެޗުގެ 67 ވަނަ މިނެޓުގައި ހައިސަމް ހަސަން ދިން ބޯޅައަކުން މުސްތަފާ ޒީކޯ ގޯލެއް ޖަހައި މިސްރުގެ ލީޑު ފުޅާކޮށްދިނެވެ.

ދެ ގޯލުގެ ލީޑަކާއެކު މިސްރުން މެޗު ކާމިޔާބުކޮށްފާނެ ކަމަށް ބެލެވުނު ނަމަވެސް، ހައިޑްރޭޝަން ބްރޭކަށްފަހު އާޖެންޓީނާއިން މެޗުގެ އޮއިވަރު މުޅިން ބަދަލުކޮށްލިއެވެ. 79 ވަނަ މިނެޓުގައި މެސީ ނަގައިދިން ހުރަހަކުން ކްރިސްޓިއަން ރޮމޭރޯ ބޮލުން ގޯލެއް ޖަހައި އާޖެންޓީނާއަށް އުންމީދު އާކޮށްދިނެވެ. އަދި މެޗުގެ 83 ވަނަ މިނެޓު ލިއޮނަލް މެސީ ގޯލެއް ޖަހައި މެޗުގެ ނަތީޖާ 2-2 އަށް އެއްވަރުކޮށްދިނެވެ. މެޗުގެ އިތުރު ވަގުތު ލައުޓާރޯ މާޓިނޭޒް ތަނަވަސްކޮށްދިން ފުރުސަތަކުން ބޮލުން ގޯލު ޖަހައި އާޖެންޓީނާ މޮޅުކޮށްދިނީ އެންޒޯ ފެނާންޑޭޒްއެވެ.

މިއީ މިސްރުގެ ފުޓުބޯޅަ ތާރީޚުގައިވެސް އެންމެ ކާމިޔާބު ވޯލްޑް ކަޕެވެ. ގްރޫޕް ސްޓޭޖުގައި ބެލްޖިއަމް އަދި އީރާނާ އެއްވަރުވެ، ނިއުޒީލޭންޑް އަތުން ހޯދި މޮޅާއެކު އެޓީމު ވަނީ ތާރީޚީ ގޮތުން ފުރަތަމަ ފަހަރަށް ގަދަ 16 އަށް ދަތުރުކޮށްފައެވެ.