English Edition
Dhivehi Edition
ގާނާ ޓޫރިސްޓުން ރާއްޖޭގައި

ގާނާ އާއި ރާއްޖެއާ ދެމެދު ވިސާ ލުއިކުރުމަށް ވެފައިވާ އެއްބަސްވުން ރަސްމީކޮށް ތަސްދީގުކޮށް އަމަލުކުރަން ފަށައިފިއެވެ. މި އެއްބަސްވުމަށް އަމަލުކުރަން ފެށުމާއެކު، ގާނާގެ ޕާސްޕޯޓް އޮންނަ ފަރާތްތަކަށް އެންޓްރީ ވިސާއަކާ ނުލައި ރާއްޖެ އެތެރެވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.

ގާނާގެ ފޮރިން މިނިސްޓްރީން މި މަހުގެ 8 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، މި އުސޫލުގެ ދަށުން އެ ގައުމުގެ އާދައިގެ ޕާސްޕޯޓާއި، ސާވިސް އަދި ޑިޕްލޮމެޓިކް ޕާސްޕޯޓް ގެންގުޅޭ މީހުންނަށް ރާއްޖޭގައި އެންމެ ގިނަވެގެން 30 ދުވަހުގެ މުއްދަތަކަށް ހުރެވޭނެ ކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ އިތުރުން ޒެމްބިއާއަށް 30 ދުވަހަށް އަދި އެންޓީގުއާ އެންޑް ބާބިއުޑާއަށް 90 ދުވަހުގެ މުއްދަތަކަށް ވިސާއާ ނުލައި ދަތުރުކުރެވޭނެ އިންތިޒާމު ވެސް ހަމަޖެހިފައިވާ ކަމަށް އެ އޮފީހުން ހާމަކުރެއެވެ.

ވިސާ މާފުކޮށްދީފައި ވީނަމަވެސް، ދަތުރުކުރާ ގައުމުތަކުގެ އިމިގްރޭޝަން ގަވާއިދުތަކާއި ޝަރުތުތަކަށް ދަތުރުވެރިން ފުރިހަމައަށް ތަބާވާންޖެހޭނެ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެއެވެ. މިގޮތުން ދަތުރުކުރާއިރު މުއްދަތު ހަމަނުވާ ޕާސްޕޯޓާއި ބޭނުންވާ އެހެނިހެން ލިޔެކިޔުންތައް ފުރިހަމައަށް ހުންނަންވާނެ ކަމަށާއި، ކަނޑައެޅިފައިވާ މުއްދަތަށްވުރެ އިތުރަށް ގައުމުގައި މަޑުނުކުރުމަށް ހަނދާންކޮށްދީފައިވެއެވެ.

މީގެ އިތުރުން، ވަޒީފާ އަދާކުރުމަށާއި، ތައުލީމު އުނގެނުމަށް ނުވަތަ ދިރިއުޅުން ބަދަލުކުރުމަށް ދަތުރުކުރާ ފަރާތްތަކުން، ކަމާބެހޭ އިދާރާތަކުން ނަގަންޖެހޭ ހާއްސަ ހުއްދަތައް ކުރިއާލައި ހޯދަންޖެހޭނެ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި ދަތުރު ފެށުމުގެ ކުރިން އެ ގައުމެއްގެ އެންމެ ފަހުގެ ސިއްހީ މިންގަނޑުތަކާއި އެތެރެވުމުގެ އުސޫލުތައް އެމްބަސީތައް މެދުވެރިކޮށް ކަށަވަރުކުރުމަށް ވެސް އިރުޝާދު ދީފައިވެއެވެ.

ގާނާގެ ފޮރިން މިނިސްޓްރީން ބުނި ގޮތުގައި، މި އެއްބަސްވުންތަކަށް އަމަލުކުރަން ފެށުމަކީ ރައްޔިތުންނަށް ދަތުރުފަތުރުގެ ލުއިފަސޭހަކަން ލިބިގެންދާނެ ކަމެކެވެ. އަދި ރާއްޖެ ފަދަ ގައުމުތަކާއެކު އޮންނަ ހާރިޖީ އަދި އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށްވެސް އެ މިނިސްޓްރީން ފާހަގަކުރެއެވެ.