English Edition
Dhivehi Edition
އައްޑޫގައި ފެން ބޮޑުވުން

އައްޑޫ ސިޓީއަށް މިއަދު ބޯކޮށް ވާރޭވެހި ފޭދޫގެ 30 އަށްވުރެ ގިނަ ގެއަކަށް ފެންވަދެ ގެއްލުން ލިބިފައިވާއިރު، މީހުންނަށް ދިރިނޫޅެވޭ ހާލަތަށް ދިޔަ ގެއެއްގައި ދިރިއުޅޭ އާއިލާއަށް ކަމާބެހޭ އިދާރާތަކުން އަވަސް އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ. މި އެހީތެރިކަން ދޭން ފަށާފައިވަނީ ރަށު ތެރޭގައި ފެންބޮޑުވެ އާންމު ދިރިއުޅުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވުމާ ގުޅިގެންނެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނީ، މިއަދު ކުރި ވިއްސާރައިގައި ފޭދޫގެ 30 ގެއަކަށް ފެންވަދެގެން މިހާތަނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މީގެ ތެރެއިން ހާއްސަ އެހީއަށް ބޭނުންވާ ދެ މީހުން ހިމެނޭ ގޮތަށް ޖުމްލަ އަށް މީހުން ދިރިއުޅެމުންދިޔަ ގެއަކަށް ވަރަށް ބޮޑަށް ފެންވަދެ، އެ ތަނުގައި ދިރިނޫޅެވޭ ވަރަށް ހާލަތު ވަނީ ގޯސްވެފައެވެ.

އެ އާއިލާއަށް ކުރިމަތިވި ހާލަތާ ގުޅިގެން، ރަށު ކައުންސިލާ ގުޅިގެން އެ މީހުންނަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ޒަރޫރީ އެހީތެރިކަން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެންޑީއެމްއޭއިން ބުނެއެވެ. މީގެ ތެރޭގައި އެ އާއިލާއަށް ބޭނުންވާ ކާބޯތަކެއްޗާއި ރައްކާތެރި ތަނެއް ހަމަޖެއްސުމުގެ މަސައްކަތް ހިމެނެއެވެ.

ފޭދޫގެ އެކި ސަރަހައްދުތަކުގައި ބޮޑުވެފައިވާ ފެންގަނޑު ހިންދުމަށްޓަކައި ކައުންސިލްގެ އިތުރުން ސިފައިންނާއި ފުލުހުން އަންނަނީ މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ. އެގޮތުން ޕަންޕުތައް ބޭނުންކޮށްގެން ފެން ހިންދުމާއި، ގެތަކަށް ފެން ވަނުން ހުއްޓުވުމަށް ވެލިބަސްތާ ޖެހުމުގެ އޮޕަރޭޝަންތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މޫސުން އިތުރަށް ގޯސްވެދާނެތީ ދެކުނުގެ ސަރަހައްދުތަކަށް މެޓް އޮފީހުން ނެރުނު ޔެލޯ އެލާޓް ހަވީރު 6:00 އާ ހަމައަށް ވަނީ ދަންމާލާފައެވެ. އަދި މިއަދު މެންދުރު ދެ ގަޑިއިރަށް އައްޑު އާއި ފުވައްމުލަކަށް އޮރެންޖު އެލާޓް ވެސް ނެރެފައިވުމުން، ހުރިހާ ފަރާތްތަކުންވެސް މޫސުމީ ކަންކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.