English Edition
Dhivehi Edition
މޫސުން ގޯސް ދުވަހެއް

ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ކަނޑު ދަތުރުކުރާ ފަރާތްތަކުންނާއި އާންމު ރައްޔިތުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް މޫސުމާ ބެހޭ އިދާރާއިން އަންގައިފިއެވެ. މި އެންގުން އަންގާފައިވަނީ މޫސުން އިތުރަށް ގޯސްވެ، ކަނޑުތައް ގަދަވެދާނެ ކަމަށް ބެލެވޭތީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުންނެވެ.

މޫސުމާ ބެހޭ އިދާރާއިން ބުނީ، ބ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް އާންމު ގޮތެއްގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ވައިގެ ބާރުމިން ގަޑިއަކު 40 މޭލަށް އަރައި، ކަނޑުތައް އާދައިގެ ވަރަކަށްވުރެ ބޮޑަށް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މި ހާލަތާ ގުޅިގެން ރާއްޖޭގެ ބޮޑު ބަޔަކަށް ވައިޓް އެލާޓް ނެރެފައިވާއިރު، ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ވަނީ ޔެލޯ އެލާޓް ނެރެފައެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި، ބައެއް ރަށްރަށުގައި ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ހާއްސަކޮށް ދެކުނުގެ ގއ، ގދ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގެ ރަށްތަކަށް ބޯކޮށް ވާރޭވެހިފައިވާއިރު، އައްޑޫ ސިޓީ ފޭދޫގެ ގިނަ އަދަދެއްގެ ގެތަކަށް ފެންވަދެ އެކިވަރުގެ ގެއްލުންތައް ވަނީ ކުރިމަތިވެފައެވެ.

މީގެ އިތުރުން މާލޭގެ މަގުތަކުގައި ފެންބޮޑުވަމުންދާތީ، އާންމު ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ސިފައިން ވަނީ ނުކުމެފައެވެ. އެގޮތުން މަގުތަކުން ފެން ހިންދުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވަމުން އަންނައިރު، ފެންބޮޑުވުމުގެ ސަބަބުން ދަތުރުފަތުރަށާއި ހިނގާބިނގާވެ އުޅުމަށް ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ.

ވިލާގަނޑުގައި ކުއްލިއަކަށް ވައިގަދަވެ ކަނޑުތައް ގަދަވާނެތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން ދަތުރަށް ފުރުމުގެ ކުރިން އެންމެ ފަހުގެ މޫސުމީ މައުލޫމާތު ހޯދުމަށް އިލްތިމާސްކުރެއެވެ. އަދި އުޅަނދުފަހަރުގައި ސަލާމަތީ އާލާތްތައް ފުރިހަމައަށް ހުރިތޯ ބެލުމަށާއި، ކަނޑުދަތުރުފަތުރު ކުރުމުގައި ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅުތަކެއް އެޅުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އަންގާފައެވެ.