ޕާސްޕޯޓަށް އެދި ހުށަހަޅާއިރު، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ނުވަތަ އެފަދަ އެހެން ޓެކްނޮލޮޖީއެއް ބޭނުންކޮށްގެން އެޑިޓްކޮށްފައިވާ ފޮޓޯ ހުށަނޭޅުމަށް މޯލްޑިވްސް އިމިގްރޭޝަނުން އިލްތިމާސްކޮށްފިއެވެ.
އިމިގްރޭޝަނުން ހާމަކުރި ގޮތުގައި، ޕާސްޕޯޓަކީ މީހާގެ އައިޑެންޓިޓީ ނުވަތަ ކާކުކަން ކަށަވަރުކޮށްދޭ މުހިންމު ސެކިއުރިޓީ ޑޮކިއުމަންޓަކަށް ވުމުން، ފޮޓޯ ހުށަހެޅުމުގައި އިތުރަށް ސަމާލުވާންޖެހެއެވެ. ފަހަކަށް އައިސް ފޮޓޯތައް ރީތިކުރުމަށާއި ބަދަލުތައް ގެނައުމަށް އޭއައި ބޭނުންކުރުން އިތުރުވެފައިވީ ނަމަވެސް، ރަސްމީ ލިޔެކިޔުންތަކުގައި މިފަދަ ފޮޓޯ ބޭނުންކުރުމަކީ ސަލާމަތީ މައްސަލަތައް ދިމާވެދާނެ ކަމަކަށްވާއިރު އިމިގްރޭޝަނުން ވަނީ މިންގަނޑަށް ނުފެތޭ ފޮޓޯ ހުށަހަޅާނަމަ، ޕާސްޕޯޓަށް އެދޭ ފޯމު ބާތިލުވުން އެކަށީގެންވާ ކަމަށް ބުނެފައެވެ.
އިމިގްރޭޝަނުން ބުނީ، ޕާސްޕޯޓު ދޫކުރުމުގެ މަރުހަލާ އަވަސްކުރުމަށްޓަކައި، އެ މީހެއްގެ އަސްލު ސިފަ ފެންނަން ހުންނަ އަދި ފޮޓޯގެ މިންގަނޑުތަކަށް ފެތޭ ފޮޓޯ ހުށަހެޅުން މުހިންމު ކަމަށެވެ. އެހެންކަމުން، ޕާސްޕޯޓަށް އެދޭ ހުރިހާ ފަރާތްތަކުން ވެސް މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ އިދާރާއިން ވަނީ ނަސޭހަތްތެރިވެފައެވެ.