English Edition
Dhivehi Edition
ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެޕާޓްމަންޓަކަށް ދުމުގެ އަސަރު ކޮށްފައި / ފޮޓޯ/ އެމްއެންޑީއެފް

ގ. ފުންފަޅުގޭގައި މިދިޔަ އާދީއްތަ ދުވަހުގެ ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެ އިމާރާތުގެ ގެތަކަށް ލިބުނު ގެއްލުންތައް ދެނެގަތުމަށްޓަކައި އެސެސްމަންޓް ހެދުމުގެ މަސައްކަތް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ފަށައިފިއެވެ.

އާދީއްތަ ދުވަހުގެ ރޭ 22:50 ހާއިރު ހިނގި މި ހާދިސާގައި އަލިފާން ރޯވެފައިވަނީ އެ އިމާރާތުގެ 5 ވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައެވެ. އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ކުރި މަސައްކަތުން ގަޑިއެއްހާއިރު ތެރޭގައި އަލިފާންގަނޑު ވަނީ ކޮންޓްރޯލްކޮށްފައެވެ.

މި ހާދިސާގެ ސަބަބުން ޖުމްލަ 109 މީހުންނަށް އެކި ގޮތްގޮތުން އަސަރުކޮށްފައިވެއެވެ. އަދި ސީދާ އަލިފާނުގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ނުވި ނަމަވެސް، ދުމުގެ އަސަރުކޮށްގެން 25 މީހަކަށް އައިޖީއެމްއެޗް އިން އަދި 3 މީހަކަށް އޭޑީކޭ ހޮސްޕިޓަލުން ވަނީ ފަރުވާދީފައެވެ.

އެ އިމާރާތުގެ 22 އެޕާޓްމަންޓެއްގައި ދިރިއުޅޭ 93 މީހަކަށް 2 ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ހަމަޖައްސައިދީފައިވެއެވެ. އަދި އަލިފާން ރޯވި ފަންގިފިލާގެ 3 އެޕާޓްމަންޓެއްގައި ދިރިއުޅޭ 16 މީހަކަށް 5 ދުވަހުގެ މުއްދަތަށް ބޯހިޔާވަހިކަން ވަނީ ފޯރުކޮށްދީފައެވެ.