މާލޭ ހުޅަނގު ބަނދަރު ފުޑް ކޯޓުތަކަށް ހާއްސަކޮށްގެން އިމިގްރޭޝަންގެ ޓާސްކް ފޯސްއިން ރޭ ހިންގި ހާއްސަ ރެއިޑް އޮޕަރޭޝަނެއްގައި ޖުމްލަ 88 ބިދޭސީއަކު ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 27 މީހަކު ހިފަހައްޓައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. އިމިގްރޭޝަނުން ބުނި ގޮތުގައި، މި އޮޕަރޭޝަނަކީ އެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ބިދޭސީން ހަރަކާތްތެރިވާ ކަމަށް ފާހަގަކުރެވިގެން ހިންގި ރެއިޑެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ހާއްސަ އިސްކަމެއް ދީގެން އަންނަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން، އިމިގްރޭޝަނުން ދަނީ މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ގަވާއިދުން މޮނިޓާކޮށް މިފަދަ އޮޕަރޭޝަންތައް ހިންގަމުންނެވެ.
މިފަދަ އޮޕަރޭޝަންތަކުގެ ބޭނުމަކީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަކީ ގާނޫނާއި ގަވާއިދާ އެއްގޮތަށް އުޅޭ ބައެއްކަން ކަށަވަރުކުރުމާއި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ސަބަބުން މުޖުތަމައަށް ދިމާވާ މައްސަލަތައް ހައްލުކުރުން ކަމަށް އިމިގްރޭޝަނުން ބުންޏެވެ. މިގޮތުން ހިފަހައްޓާ ފަރާތްތައް އެ މީހުންގެ ގައުމުތަކަށް ފޮނުވުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.