ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މާސްޓަރކާޑު ގުޅިގެން، ޖުމްލަ 100،000 ރުފިޔާގެ ނަގުދު ފައިސާގެ އިނާމު ލިބޭ ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ. ބޭންކުން ބުނި ގޮތުގައި މިއަދުން ފެށިގެން އަންނަ އޮގަސްޓް މަހުގެ 31 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ގުރުއަތުން ހޮވޭ 10 ނަސީބުވެރިއަކަށް، ކޮންމެ ފަރާތަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ މި މުއްދަތުގެ ތެރޭގައި އަލަށް ބީއެމްއެލް މާސްޓަރކާޑު ޑެބިޓް ކާޑަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށެވެ. ގުރުއަތުގައި ހިމެނުމަށްޓަކައި، ބޭންކުގެ ޕީއޯއެސް ޓާމިނަލްތައް ނުވަތަ ބީއެމްއެލް ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް، އެ ކާޑު ބޭނުންކޮށްގެން މަދުވެގެން 200 ރުފިޔާގެ މުއާމަލާތެއް ފުރިހަމަކުރަންޖެހޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.
ކަސްޓަމަރުން ކުރާ ވިޔަފާރީގެ ހޭދަ އިތުރުކޮށްގެން ގުރުއަތުގައި ބައިވެރިވުމަށް ލިބޭ ފުރުސަތުތައް އިތުރުކުރެވޭނެއެވެ. އެގޮތުން ހަފުތާއަކު 1،000 ރުފިޔާ ހަރަދުކުރުމުން އިތުރު އެއް ފުރުސަތު، އަދި މަހެއްގެ ތެރޭގައި 5،000 ރުފިޔާ ހަރަދުކުރުމުން ވެސް އިތުރު ފުރުސަތެއް ލިބޭނެ ކަމަށާއި، ޕްރޮމޯޝަން ނިމުމުން ހޮވޭ ނަސީބުވެރިންގެ ފައިސާ ސީދާ އެ ފަރާތްތަކުގެ އެކައުންޓަށް ޖަމާކުރެވޭނެ ކަމަށްވެސް ބޭންކުން ބުންޏެވެ.