އައްޑޫގެ އަވަށްތަކުގެ މަގުމަތީގައި ގަވާއިދާ ހިލާފަށް ބަހައްޓާފައިވާ އެކި ބާވަތްތަކުގެ މުދަލާއި ތަކެތި ނެގުމުގެ މަސައްކަތް އައްޑޫ ސިޓީ ކައުންސިލުން ފަށައިފިއެވެ.
އައްޑޫ ސިޓީ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، ބައެއް ގޭގޭގެ ކައިރީގައި މަގުމަތީގައި އެކި ބާވަތްތަކުގެ ގަސްތަކާއި، ގަސްއިންދާ ޕޮޓްތަކާއި، ޖޯލިފައްޗާއި، ގަލާއި، ވެލީގެ އިތުރުން ތަފާތު އެކި ބާވަތްތަކުގެ މުދާލާއި ތަކެތި ބަހައްޓާފައި ހުންނަކަމުގެ ޝަކުވާ ކައުންސިލް އިދާރާއަށް ލިބެމުންދާ ކަމަށެވެ.
ކައުންސިލުން ވަނީ މަގުމަތީގައި މިފަދަ ތަކެތި ބަހައްޓާފައިވާ ފަރާތްތަކުން އެތަކެތި އަވަހަށް ނެގުމަށާއި، މިފަދަ ކަންކަން ތަކުރާރު ނުކުރުމަށް ހަނދާންކޮށްދީ އިލްތިމާސްކޮށްފައެވެ. އަދި މަގުތަކަށް ދަތިވާ ގޮތަށް ހުރި ތަކެތި ނަގައި މަގުތައް ސާފުކުރުމުގެ މަސައްކަތް މިއަދުން ފެށިގެން ކުރިއަށްދާނެ ކަމަށްވެސް ކައުންސިލުން މައުލޫމާތު ދެއެވެ.