English Edition
Dhivehi Edition
ފޮޓޯ: މަޖިލީސް

ސަރުކާރު ހިއްސާވާ ކުންފުނިތަކުން (އެސްއޯއީ) 33 އިންސައްތަ މުވައްޒަފުން ވަކިކުރުމަށް ކުރިއަށްގެންދާ “ރައިޓްސައިޒިން” މަސައްކަތުގެ ދަށުން ވަކިކުރާ މުވައްޒަފުން އަމިއްލަ މަސައްކަތް ފެށުމަށް އެހީތެރިވުމުގެ ގޮތުން 600 މިލިއަން ރުފިޔާގެ ފަންޑެއް އުފައްދައިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ޒަރީރު ވިދާޅުވީ، ރާއްޖޭގެ އިގުތިސާދު އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި ކުންފުނިތަކުގެ މުވައްޒަފުން މަދުކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މިކަން ކުރިއަށްދާނީ މުވައްޒަފުންގެ ސިޔާސީ ފިކުރަށް ނުވަތަ ނަސަބަށް ބެލުމެއްނެތި ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، މުވައްޒަފުން މަދުކުރި ނަމަވެސް ސަރުކާރުން އެންމެ އިސްކަމެއް ދޭނީ ދިވެހި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށެވެ. އެގޮތުން ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ކުރަންޖެހޭ ކަންކަން ފާހަގަކުރެއްވިއެވެ:

މުވައްޒަފުން ކުންފުނިތަކުގައި މަސައްކަތްކުރި މުއްދަތަށް ބަލައި ހާއްސަ ރިޑަންޑަންސީ ޕެކޭޖެއް ދެމުންދާނެކަމަށް އޭނާ ވިދާލުވިއެވެ. އަދި އަމިއްލަ ވިޔަފާރި ފަށަން ބޭނުންވާ މުވައްޒަފުންނަށް އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް 600 މިލިއަން ރުފިޔާގެ ފަންޑެއް ހުޅުވާލެވިފައިވެއެވެ. އަމިއްލަ މަސައްކަތެއް ނުވަތަ ކުދި ވިޔަފާރިއެއް ފަށަން ބޭނުންވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމުން، މި ފަންޑުގެ ތެރެއިން ފައިސާގެ އެހީތެރިކަން ލިބިގެންދާނެ ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވިއެވެ.