English Edition
Dhivehi Edition
ޕްލާސްޓިކު ކޮތަޅު

ޕްލާސްޓިކް ކޮތަޅުބޮނޑިން ފީ ނުނަގާ ގޮތަށް ކުނި މެނޭޖުކުރުމުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް ޝިފާޒެވެ.

މި ބިލު ފާސްވެފައިވަނީ މަޖިލީހުގައި ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެންބަރުންގެ އިއްތިފާގުންނެވެ. މި އިސްލާހުގައިވާ ގޮތުން 50 ކޮތަޅަށްވުރެ ގިނަ އަދަދެއްގެ ޕްލާސްޓިކް ކޮތަޅު ހިމެނޭ ކޮތަޅުބޮނޑިން ދެ ރުފިޔާގެ ފީ ނެގުން ވަނީ އިސްތިސްނާކޮށްފައެވެ.

މީގެ އިތުރުން، އިންޑަސްޓްރިއަލް މަސައްކަތްކުރާ ރަށްރަށާއި ރިޒޯޓުތަކުގައި އުފެދޭ ކުނި، ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން މީހުން ދިރިއުޅޭ ރަށްރަށުގެ ކުނި މެނޭޖުކުރާ މަރުކަޒުތަކަށް ގެންދެވޭ ގޮތަށްވެސް ގާނޫނު ވަނީ އިސްލާހުކޮށްފައެވެ. ކުރިން އޮތް ގޮތުން ސިނާއީ މަސައްކަތްކުރާ ތަންތަނުގައި އުފެދޭ ކުނި މީހުން ދިރިއުޅޭ ރަށްރަށުގެ ކުނި މަރުކަޒުތަކަށް އެޅުމަކީ ކުށެކެވެ.