ސްޓޭޓް ފާމަސޫޓިކަލްގެ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމަށްޓަކައި 100 އެއްހާ ފާމަސިސްޓުން ބޭނުންވާކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ މެދުވެރިކުރައްވައި މިކަން ހާމަކުރައްވަމުން ޑރ. ޝާހް މާހިރު ފާހަގަކުރެއްވި ގޮތުގައި، މިހާރު އެ ކުންފުނީގެ ފާމަސީތަކުގައި ބޭސް ދޫކުރުމުގެ ހިދުމަތުގައި ތިބި ފާމަސިސްޓުންގެ އަދަދު އަދިވެސް ވަރަށް މަދެވެ. އަދި ބޭސް ދޫކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ގާތްގަނޑަކަށް 100 ފާމަސިސްޓުން މި ވަގުތުވެސް ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޑރ. ޝާހް ވިދާޅުވީ ފާމަސިސްޓުން ހޯދުމަށްޓަކައި މިފަހުން ކުރި އިއްލާނުތަކަށް އެދެވޭ ތަރުހީބެއް ލިބިފައި ނުވާ ކަމަށެވެ. އެހެންކަމުން، ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން ރާއްޖެއިން ބޭރުންވެސް ފާމަސިސްޓުން ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އޭނާ ހާމަކުރެއްވިއެވެ.
މީގެއިތުރުން، މި ދާއިރާއިން ދިވެހިން ތަމްރީނުކުރުމަށްޓަކައި ރާއްޖޭގެ ކޮލެޖް، ޔުނިވަރސިޓީތަކާ ގުޅިގެން މުހިންމު މަސައްކަތްތަކެއް ފަށާފައިވާކަން ޑރ. ޝާހް ފާހަގަކުރެއްވިއެވެ. އެގޮތުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއާއެކު ހާއްސަ އެއްބަސްވުމެއް އެކުލަވާލުމުގެ ތައްޔާރީތައް ވަމުންދާ ކަމަށް ވިދާޅުވިއެވެ.
“ކިހިނެތްތޯ އެކުދިންގެ ޝައުގުވެރިކަން މިކަމަށް ޖައްސާނީ. ކޯސް ނިމުނީމަ ވަޒީފާގެ ޔަގީންކަން ދިނުމާއި ތަމްރީން ވަމުންދާއިރު އަޅުގަނޑުމެންނާއެކު މަސައްކަތް ކުރެވޭނީ ކިހިނަކުންތޯއާ އިތުރަށް މިހާރު ތިބި ސްޓާފުންނަށް ތަމްރީން ދޭނެ ގޮތްތަކާ ގުޅެގޮތުން ވާހަކަދައްކަފާއި. މިފަދަ ތަމްރީން ދެ އިތުރު ތަންތަނާވެސް ބައްދަލުކުރާނެ،” ޑރ. ޝާހް ވިދާޅުވިއެވެ.
ސްޓޭޓް ފާމަސޫޓިކަލްއިން އަމާޒު ހިފާފައިވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ފާމަސީތަކުގެ ހިދުމަތް މެދުކެނޑުމެއްނެތި، ފެންވަރު ރަނގަޅުކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ބޭނުންވާ ފަންނީ މީހުން ބިނާކުރުމަށެވެ.