English Edition
Dhivehi Edition
ފާތިމަތު ހާފިޒާ

ދަރުމައަށް ނުވަތަ ހިލޭ ސާބަހަށް މަސައްކަތްކުރުމަކީ ރަސްމީ މަސައްކަތެއް ނޫނެވެ. އަދި އެއީ އެއްވެސް އުޖޫރައެއް ލިބޭ މަސައްކަތެއް ނޫނެވެ. ބައެއް ފަރާތްތަކުން ދެކޭގޮތުގައި ހިލޭ ސާބަހަށް މަސައްކަތްކުރުމަކީ ބޭކާރު ކަމެކެވެ. އެހެންނަމަވެސް މި ކަމަށް ޝައުގުވެރިވެ މަސައްކަތްކުރާ މީހުންނަށް މިއީ ރަސްމީ މަސައްކަތަކާ އެއްވަރުގެ މުހިއްމު މަސައްކަތެކެވެ. އަދި މިއީ ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮކަން އިތުރުވެ ތިމާ އުޅޭ މުޖްތަމައަށްވެސް އޭގެއިން ފައިދާ ކުރާނެ މުހިއްމު ކަމެކެވެ.

އައްޑޫ ސިޓީ މީދޫއަށް އުފަން ފާތިމަތު ހާފިޒާގެ ވިސްނުމަކީވެސް މިއެވެ. އޭނާއަކީ ސްކޫލު ދުވަސްވަރުވެސް، ސްކޫލުގައި ހިންގާ އިތުރު ހަރަކާތްތަކުގައި ބައިވެރިވި ދަރިވަރެކެވެ. ސްކޫލުގައި އުޅުނު އިރު އަދަބީ ހަރަކާތްތަކާއި، ކުޅިވަރުގެ އެކި ހަރަކާތްތަކުގައި ބައިވެރިވިއެވެ. އޭރުވެސް ރަށުގައި ހިންގާ ސާފުކުރުމާއި، އިޖްތިމާއީ އެކި ހަރަކާތްތަކުގައި ބައިވެރިވަމުން ދިޔައީ އެކަމަށް އުފެދިފައިވާ ޝައުގެއްގެ ބޮޑުކަމުންނެވެ. 2011 ވަނަ އަހަރު ސ.އަތޮޅު މަދަރަސާއިން ސްކޫލުން ނިންމާލުމަށްފަހު 2012 ވަނަ އަހަރު ފްރޮންޓް އޮފީސް މެނޭޖްމެންޓު ހެދާ ފަތުރުވެރިކަމުގެ ދާއިރާގައިވެސް ކުޑަ ދުވަސްކޮޅަކަށް މަސައްކަތްކުރިއެވެ. އަދި 2013 ވަނަ އަހަރު ފާމަސީ ކޯސް ހަދާ އެސްޓިއޯ ފާމަސީގައި މަސައްކަތްކުރަމުން ދިޔައިރުވެސް އިޖްތިމާއީ މަސައްކަތަށް ވަގުތު ހުސްކުރިއެވެ.

“ސްކޫލުގައި ކިޔަވަމުން ދިޔަ ދުވަސްވަރަކީ މީދޫ އަށް މޯލްޑިވްސް ރެޑްކްރެސެންޓު ތައާރަފުވެގެން ދިޔަ ދުވަސްވަރު. 2009 ވަނަ އަހަރުން ފެށިގެން މޯލްޑިވްސް ރެޑްކްރެސެންޓުގެ ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވެ އެކި އެކި ތަމްރީން ޕްރޮގްރާމްތަކުގައި ބައިވެރިވިން. އެ ދުވަސްވަރު ތަފާތު މިޒާޖުގެ ގިނަ މީހުންނާއި ބައްދަލުވެ ވާހަކަދެކެވި، ހިޔާލުބަދަލުކުރެވިގެން ދިއުމަކީ އިޖްތިމާއީ މަސައްކަތްތައް ކުރުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް” ރެޑްކްރެެސެންޓުން ބާއްވާ އެކި ފޯރަމްތަކާ ޓްރެއިނިންތަކުގައި ބައިވެރިވެފައިވާ ހާފިޒާ ވަނީ ރެޑްކެރެސްނެޓް އައްޑޫ ބްރާންޗްގެ ޓްރެޝަރުކަމާއި އަދި ޔުނިޓް ވައިސް ޕްރެޒިޑެންޓުގެ މަގާމުވެސް އަދާކޮށްފައެވެ.

މީދޫގައި ހިންގާ އިޖްތިމާއީ ހަރަކާތްތަކުން އަބަދުވެސް ފެންނަ ހާފިޒާ ވަނީ މުލިމަތި ޖަމިއްޔާގެ އިސް މަގާމުތައް އަދާކޮށްފައެވެ. އެގޮތުން އެ ޖަމިއްޔާގެ ނައިބު ރައީސާގެ މަގާމުވެސް އަދާކޮށްފައިވާ ހާފިޒާ ބުނީ އަބަދުވެސް މީދޫގައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވެ، އެކަމަށް ވަގުތު ހުސްކުރުމަށް މަސައްކަތްކުރާ ކަމަށެވެ. ރާއްޖެއަށް ދިމާވި ކޮވިޑްގެ އެންމެ ބިރުވެރި ހަލާތުގައިވެސް އެއްވެސް ވަރުބަލިކަމެއް ނެތި މީދޫ އެސްއެސްޑީގައި މަސައްކަތްކުރި ހާފިޒާ ވަނީ އެ ދުވަސްވަރު ބަލި މީހުންނަށް ބޭސް ޑެލިވަރީކޮށްދިނުމާއި، ކަރަންޓީންގައި ތިބޭ މީހުންނަށް ޒަރޫރީ ސާމާންތައް ފޯރުކޮށްދިނުމުގައިވެސް ވަރަށް މުހިއްމު މަސައްކަތްތަކެއް ކޮށްފައެވެ.

މީދޫގައި ކުރިއަށް ގެންދިޔަ އިވެންޓެއްގެ ތެރެއިން

މީގެ އިތުރުން ކުޅިވަރުގެ ދާއިރާގައިވެސް ގިނަ މަސައްކަތްތަކެއްކޮށްފައިވާ ހާފިޒާއަކީ މީދޫގައި އުފެދުނު ފުރަތަމަ އަންހެން ފުޓްްސަލް ޓީމުގެ މުހިއްމު ކުޅުންތެރިއެވެ. ރަށުގެ ޒުވާނުން ކުޅިވަރުގެ ދާއިރާއަށް ނެރުމަށް ގިނަ މަސައްކަތްތަކެއްކޮށްފައިވާ ހާފިޒާވަނީ އަތޮޅު ފެންވަރުގެ މުބާރަތްތަކުގައިވެސް މީދޫ އަންހެން ޓީމު ބައިވެރިކޮށް، ކުޅުންތެރިންނަށް އިތުރު ކުރިއެރުންތައް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއްކޮށްފައެވެ. ވަޒީފާ އަދާކުރަމުންވެސް ރަށުގެ އިޖްތިމާއީ މަސައްކަތުގައި ބައިވެރިވުމަކީ ކުރެވޭނެ ކަމެއްކަން ފާހަގަކޮށް ހާފިޒާ ބުނީ ސްކޫލު ނިންމާ މަތީ ތައުލީމަށް ނުވަތަ ވަޒީފާގެ މާހައުލަށް ތައްޔާރުވަމުންދާ ކުދިންނަށް، މިއީ އެކި މަސައްކަތުގެ ތަޖުރިބާ ހޯދުމަށް އޮތް ފަސޭހަ މަގެއް ކަމަށެވެ.

އަންނަ އެޕްރީލް މަހު 4 ވަނަ ދުވަހު ބާއްވާ އިންތިހާބުގައި މީދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުކަމަށް ވާދަކުރާ ހާފިޒާ ބުނީ މި މަގާމަށް ކުރިމަތިލުމުގެ އެންމެ ބޮޑު ބޭނުމަކީ މީދޫގެ ކުރިއެރުމާއި ތަރައްގީއަށް އަދި ހާއްސަކޮށް އަންހެނުންގެ ކުރިއެރުމާއި ތަރައްގީއަށް ރައްޔިތުންނާ ގުޅިގެން މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ކުރެވިދާނެ މަސައްކަތްތައް ހުރިކަން ގަބޫލުކުރެވި، އެ މަސައްކަތްކުރުން ކަމަށެވެ. ” އަބަދުވެސް ބުނާ އަޑު އިވެނީ އަންހެނުންގެ ކޮމިޓީއަކީ ބޭކާރު ކޮމިޓީއެކޭ. ބޭނުމެއް ނެތް ކޮމިޓީއެކޭ. އެކަމަކު އެކަށީގެންވާ ރަނގަޅު ގޮތެއްގައި މަސައްކަތްކޮށްފި ނަމަ މި ކޮމިޓީއަކީ މުޅި މުޖުތަމައަށްވެސް ފައިދާކުރާނެ ފަދަ ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކޮމިޓީއަށް. އަންހެނަކަށް ލިބޭ ކޮންމެ ކުރިއެރުމަކީ މުޅި މުޖުތަމައަށް އެކަމުގެ ހެޔޮ ބަދަލު ފެނިގެންދާނެ ކަމެއް” ހާފިޒާ ބުންޏެވެ.

ފުވައްމުލައް ސިޓީގައި ކުރިއަށް ތިޔަ ތަމްރީން ޕްރޮގްރާމެއްގެ ތެރެއިން

މި ކޮމިޓީގެ މެންޑޭޓްގެ ތެރެއިން ވަރަށް ގިނަ ކަންކަން ކުރެވޭނެކަން ފާހަގަކޮށް ހާފިޒާ ބުނީ ރަށުގެ އިޖްތިމާއީ ގުޅުން ބަދެހިކޮށް، ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުމަށް ދެމެހެއްޓެނިވި ރަނގަޅު ޕްލޭނެއް މުހިއްމު ކަމަށެވެ. ދީނީ ހޭލުންތެރިކަން އިތުރުކޮށް، ކުޑަކުދިންނާއި ޒުވާނުންގެ އިތުރުން އުމުރުން ދުވަސްވީ މީހުންނަކީ ދީނުގެ ރީތި އާދަކާދައަށް ލޯބިޖެހިފައިވާ މީހުންނަށް ހެދުމަށް އެ އުމުރުފުރައަކާ ގުޅޭ ގޮތަށް ހަރަކާތްތައް ހިންގިދާނެކަމަށް ހާފިޒާ ގަބޫލުކުރެއެވެ.

ނަފްސާނީ އަދި ޖިސްމާނީ އަނިޔާތައް ލިބެމުންދާ ފަރާތްތަކަށް އެހީތެރިވެ ދިނުމާއި، ސޯޝަލް މީޑިއާ އަދި އެހެނިހެން ގޮތްގޮތުން ގަނާގެ ޝިކާރައަކަށްވާ ފަރާތްތަކަށް އެންމެ އެކަށީގެންވާ އެހީތެރިކަން، ކަމާއި ގުޅޭ އިދާރާތަކާ ގުޅިގެން ފޯރުކޮށްދިނުމަކީ ކުރެވިދާނެކަމެއް ކަމުގައި ހާފިޒާ ބުންޏެވެ. ސްކޫލު ނިންމާ ޒުވާނުންނަށް ވަޒީފާގެ މާހައުލަށް ތައްޔާރުވުމަށް އެކި ތަމްރީންތައް ހޯދައިދީ، ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް އެހީތެރިވެ ދިނުމާއެކު، ރަށުގައި ދިރިއުޅޭ މަސައްކަތްތެރިންގެ މަސައްކަތަށް މާކެޓް ހޯދައިދީ އަމިއްލައަށް މިފަދަ މަސައްކަތްކުރެވޭނެ ގާބިލު ކަނބަލުން ބިނާކުރުމަކީ އޭނާގެ އުއްމީދެވެ.

މީދޫ ވޮލީޓީމުން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ހަރަކާތެއްގެ ތެރެއިން

މީދޫގައި ހިންގާ ކުޅިވަރު މުބާރާތްތައް އިތުރުކޮށް، މުބާރާތްތަކުގައި އަންހެނުން ބައިވެރިވުން އިތުރުކޮށް މީދޫ ޒުވާނުންނަށް އިތުރު ކުޅިވަރުތަކާ މުނިފޫހިފިލުވުމަށް އިތުރު ކަންކަން ތައާރަފުވާންޖެހޭ ކަމަށް ހާފިޒާ ގަބޫލުކުރެއެވެ. އަތޮޅު ފެންވަރު އަދި ގައުމީ ފެންވަރުގައި ބާއްވާ މުބާރާތްތަކުން މީދޫ ހުނަރުވެރި ކުޅުންތެރިން ފެނިގެން ދިއުމަކީ އޭނާގެ އުއްމީދެވެ. އަންހެނުންގެ ދުޅަހެޔޮކަމަށް ހިންގޭ އެކި ކަހަލަ ކަސްރަތު ޕްރޮގްރާމްތަކަކީ ދެމެހެއްޓެނިވި ގޮތަކަށް ހިންގަންޖެހޭ ޕްރޮގްރާމްތަކެއްކަން ފާހަގަކޮށް ހާފިޒާ ބުނީ މި ދާއިރާއިން މީހުން ތަމްރީނުކޮށް މިއީ އާމްދަނީ ހޯދުމަށް ހުޅުވިގެންދާ އިތުރު ދޮރަކަށް ހެދުމަކީ ކުރެވިދާނެ ކަމެއް ކަމަށެވެ.

މިހާރުވެސް ރަށުގައި ތިބެގެން އޮންލައިންކޮށް އަންހެނުންނަށް ބައިވެރިވޭވެނެ ތަމްރީން ޕްރޮގްރާމްތައް ގިނަކަން ފާހަގަކޮށް ހާފިޒާ ބުނީ މި ތަމްރީންތަކާ ގުޅޭ އެންމެ އެކަށީގެންވާ މައުލޫމާތު ފޯރުކޮށްދިނުމަށް އަންހެނުންގެ ކޮމިޓީއަށްވެސް މަސައްކަތްކުރެވޭނެ ކަމަށެވެ. އަދި ރާއްޖެއިން ބޭރުން ލިބެން ހުންނަ ފުރުސަތުތައް ހޯދާ ބަލާ، އެ ފުރުސަތުތައް ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ކޮމިޓީއަށް ވަރަށް ފަސޭހައިން ކުރެވިދާނެކަމެއްކަމުގައި ހާފިޒާ ބުންޏެވެ. ޓެކްނޮލޮޖީގެ ގޮތުން ކުރިއަރަމުން އަންނަ މި ޒަމާނުގައި އަންހެނުންނަށް އައިޓީ ދާއިރާއިން، އިލެކްޓްރިޝަން، އަދި ހޮސްޕިޓާލިޓީ ފަދަ ދާއިރާތަކުން ކުރިއަށް ދިއުމަށް ފުރުސަތުތައް ހޯދައިދޭންޖެހޭ ކަމަށް ހާފިޒާ ބުންޏެވެ.

މީދޫގައި ބޭއްވި އިވެންޓެއްގެ ތެރެއިން

މީގެ އިތުރުން ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާގައިވެސް އަންހެނުންގެ ކޮމިޓީއަށް އެހީތެރިކަން ފޯރުކޮށްދެވިދާނެކަން ފާހަގަކޮށް ހާފިޒާ ބުނީ މި ކޮމިޓީއިން ރަށުގެ ތަރައްގީއަށް ހިންގާ ހަރަކާތްތަކުގައި ރައްޔިތުންގެ ހިޔާލާ މަޝްވަރާ ހޯދާ އެ ހިޔާލުތައް ކައުންސިލުގެ މަޝްވާރާ މޭޒާ ހަމައަށް ގެންދެވޭނެ ކަމަށެވެ. އަދި ކަންކަން ރާވާ ހިންގުމުގައި ކައުންސިލަށް ލަފާއެރުވުމާއެކު، މީދޫގައި ހިންގާ ކޮންމެ މަޝްރޫއަކީވެސް ދެ ފުށް ފެންނަ، ރައްޔިތުންގެ ހިޔާލާ މަޝްވަރާއާއި އެކު ކުރިއަށްދާ މަޝްރޫއަކަށް ހެދުމަށް ވަކާލާތުކުރެވޭނެ ކަމަށެވެ. ސިޔާސީ ދާއިރާގައި އަންހެނުން ބިނާކޮށް، ބާރުވެރިކޮށް މި ދާއިރާއަށް އަންހެނުން ނުކުތުމަށް ހިތްވަރު ދީ ގޮތް ނިންމުމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަކީ މުހިއްމު ކަމެއްކަން އޭނާ ފާހަގަކުރިއެވެ.

މީދޫގެ މުސްތަގުބަލާމެދު ހާފިޒާ ދެކެމުން އަންނަ ހުވަފެން ވަރަށް ގިނައެވެ. އަލަށް އިންތިހާބުކުރެވޭ ކައުންސިލް މެންބަރުނާ އަދި ކޮމިޓީ މެންބަރުންނާ ގުޅިގެން މި މަސައްކަތްކުރުމަށް ހާފިޒާ ބޭނުންވަނީ ރައްޔިތުންގެ އިތުބާރާ ޔަގީންކަމެވެ. ރައްޔިތުންގެ ވޯޓެވެ. ހާފިޒާ ދޭ އެންމެ ބޮޑު ޔަގީންކަމަކީ އޭނާއަށް ދޭ ވޯޓަކީ ބޭކާރު ވޯޓަކަށް ނުވާނެ ކަމުގެ ޔަގީންކަމެވެ. ހަމައެކަނި މަޝްވަރާގެ މޭޒުގައި ‘ވޯޓު ދޭ’ މެންބަރަކަށް ނުހުންނާނެކަމެވެ. ރައްޔިތުންގެ ހައްގުގައި ވަކާލާތުކޮށް، އަމަލީ ގޮތުން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަމެވެ. ހާފިޒާގެ އެންމެ ބޮޑު އަޒުމަކީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަކީ ބޭކާރު ކޮމިޓީއެއް ނޫންކަން ސާބިތުކޮށް ދިނުމެވެ. ކޮމިޓީއިން ރަނގަޅު ޕްލޭނަކާ، ތެދުވެރި ނިޔަތަކާއެކު މަސައްކަތްކޮށްފިނަމަ ފެނިގެންދާނެ ހެޔޮ ބަދަލަށް މަސައްކަތްކުރުމެވެ. އަދި މި ކޮމިޓީގެ ފައިދާ މުޅި މުޖްތަމައަށްވެސް ކުރާނެ ފަދަ ކޮމިޓީއަކަށް ހެދުމަށް އެންމެން ގުޅިގެން މަަސައްކަތްކުރުމެވެ. މީގެ ފަސް އަހަރު ފަހުން ދެން ބާއްވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބެއްގައި ވާދަކުރާ ޒުވާނުންގެ އަދަދު އިތުރުކުރުމެވެ. އާ ލީޑަރުން ބިނާކުރުމެވެ.