ވ. ތިނަދޫ ކައުންސިލްގެ ރައީސް ޢަލީ ޝުޖާއުގެ ގޮނޑި ގެއްލިފައިވާ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް އެމްޑީޕީން ނިންމައިފިއެވެ.
އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ވިދާޅުވީ ޝުޖާއު ގޮނޑީގެ މައްސަލަ އެ ޕާޓީގެ ގާނޫނީ ޓީމުން މިހާރު ރިވިއު ކުރަމުން އަންނަ ކަމަށާއި މި ހަފުތާގެ ތެރޭގައި މައްސަލަ ކޯޓަށް ހުށަހެޅޭނެ ކަމަށް ބެލެވޭ ކަމަށެވެ.
ޝުޖާއު މަގާމަށް ހޮވުނީ “ދަ ޑިމޮކްރެޓްސް” ގެ ޓިކެޓުގައެވެ. ނަމަވެސް، އެ ޕާޓީ އުވާލުމާ ގުޅިގެން އޭނާ ފަހުން ވަނީ އެމްޑީޕީއަށް ސޮއިކޮށްފައެވެ. ލާމަރުކަޒީ ގާނޫނު ބުނާގޮތުން އިންތިހާބުވި ޕާޓީ ބަދަލުކޮށްފިނަމަ ގޮނޑި ގެއްލޭނެއެވެ. ނަމަވެސް ޝުޖާއު ވިދާޅުވީ ދަ ޑިމޮކްރެޓްސް އިން އޭނާ އިންތިހާބުވި ނަމަވެސް މިދިޔަ މެއި މަހު މަގާމުގެ ހުވާކުރުމުގެ ކުރިން ޕާޓީ އުވާލާފައިވާ ކަމަށް އީސީން އެންގި ކަމަށެވެ. އެހެންވެ، އެއް ޕާޓީ ދޫކޮށް އަނެއް ޕާޓީއާ ގުޅުނު ކަމަށް މާނަކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
އެ މައްސަލާގައި ޝުޖާއުގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމިއިރު، އެލްޖީއޭ އިން ވަކިގޮތެއް ނިންމަންދެން މިދިޔަ މަހުގެ ކުރިީކޮޅުން ފެށިގެން އޭނާ ހުރީ ސަސްޕެންޑް ކޮށްފައެވެ.