English Edition
Dhivehi Edition
ފޮޓޯ: ރައްޔިތުންގެ މަޖިލީސް

ސިނގިރޭޓާއި ބިޑީގެ އިތުރުން ހީޓަޑް ޓޮބޭކޯ (ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރާ ދުންފަތުގެ ބާވަތްތައް) އިން ނަގާ އިމްޕޯޓް ޑިއުޓީ ކުޑަކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު، މުޅި މަޖިލީހުގެ ކޮމިޓީން އިއްޔެ ފާސްކޮށްފިއެވެ.

މި ބިލު ކޮމިޓީން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 69 މެންބަރުންގެ އިއްތިފާގުންނެވެ.

ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ޤާނޫނަށް ހުށަހެޅި މި އިސްލާހުގެ ދަށުން، މީގެ ކުރިން ސިނގިރޭޓަކުން ނަގަމުން އައި 8 ރުފިޔާގެ ޑިއުޓީ 4 ރުފިޔާއަށް ވަނީ ދަށްކޮށްފައެވެ. އަދި ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުވުމަށް ބޭނުންކުރާ ނިކޮޓިން ޗުއިންގަމާއި، ނިކޮޓިން ޕެޗް ފަދަ ތަކެތިން މިއަދުން ފެށިގެން ޑިއުޓީ ދައްކަން ނުޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.

ދައުލަތުގެ އާމްދަނީއަށް ކުރާނެ އަސަރު: ސަރުކާރުން ބިލުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން މި ބަދަލަށް އަމަލުކުރަން ފެށުމުން، މިއަހަރުގެ ބަޖެޓުގައި އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރި އާމްދަނީން ގާތްގަނޑަކަށް 21 މިލިއަން ރުފިޔާ މަދުވާނެއެވެ.

މި އިސްލާހު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ކޮމަންޑޫ ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމެވެ. މުޅި މަޖިލީހުގެ ކޮމިޓީން މި ބިލު ދިރާސާކުރުމަށްފަހު ނިންމާފައިވަނީ އެއްވެސް އިތުރު ބަދަލަކާ ނުލައި ބިލު އޮތްގޮތަށް ފާސްކުރުމަށެވެ.